ރޭ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަމުން ގެންދަނީ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ބަލައިގެން ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނެރުނު ބަޔާނެއްގައި ބުނީ 2021 މެއި 6 ވަނަ ދުވަހުގެރޭ ނިލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުންދާކަމަށެވެ. މިގޮތުން ތަހުގީގު ދާއިރާއިންނާއި ފޮރެންސިކްސްގެ ތެރެއިން އެސާރވިސްގައި ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. އޭގެ އިތުރުން، މިތަހުގީގަށް އެހީތެރިވުމަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ތަޖުރިބާކާރު ދެ ބޭފުޅެއް މާދަމާގެ ވަގުތެއްގައި ދިވެހިރާއްޖެއަށް އައުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މީގެއިތުރުން ޔޫއެންއޯގެ ފަރާތުން ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި އިނގިރޭސިވިލާތުގެ ފަންނީ ދެ ބޭފުޅެއްގެ އެހީތެރިކަން ވެސް މި ހަމަލާ ތަހުގީގުކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބެމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ފުލުހުންނަށް ހޯދިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް މި ހަމަލާ ތަހުގީގުކުރަމުން ދަނީ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައިކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ މިހަމަލާއާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ގައުމީ ދިފާއީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެތެރެ ބެލެހެއްޓުމުގައި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ މި ހަމަލާ ދިން ވަގުތު އެސަރަހައްދުން ޝައްކުވާއެއްވެސް ކަމެއް ފާހަގަކުރެވިފައިވާނަމަ، މި ހަމަލާއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ކޮށްފައިވާ ހޮޓްލައިން، 9704000 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް އެދޭކަމަށެވެ. މިގޮތުން ފޯރުކޮށްދޭ މައުލޫމާތުގެ ސިއްރުކަން ޕޮލިހުން ހިފަހައްޓާނެކަމަށްވެސް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން