ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓް ހަމަލާދިން ސަރަހައްދުގައި ތިބި ޝައްކުވާ ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު ދެންމެ ވިދާޅުވެއްޖެއެވެ.

ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ރައީސް ނަޝީދަށް ދިނީ ޓެރަރިޒަމްގެ ހަމަލާއެއް ކަމަށެވެ. އަދި މިހަމަލާގައި ޝާމިލްވާކަމަށް ތުހުމަތުކުރެވޭ 4 މީހެއް ފާހަގަވެފައިވާކަމަށް ވެސް ހަމީދު ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައި ނުވާކަމަށް އެމްސީ ހަމީދު ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް މި ހަމަލާގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ފުލުހުންނަށް ފާހަގަ ކުރެވިފައިވާ 4 މީހުންނަށް ޝައްކު ކުރެވެނީ ކީއްވެގެންކަމެއް ފުލުހުން ވިދާޅެއްނުވެއެވެ. އެ 4 މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައި ނުވަނީ މައްސަލައިގެ ތަހުގީގުގެ ކުރީކޮޅުވީމައެވެ. އެހެން ނަމަވެސް އެމީހުން އައިޑެންޓިފައިކޮށް ފިޔަވަޅު އަޅަން މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

ފުލުހުން ބުނީ ބައިނަލްއަގުވާމީ އެއްވެސް އިންޓެލިޖެންސަކުންވެސް އެފަދަ ހަމަލާއެއްގެ މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ. އަދި މިކަމުގައި ފުލުހުން ޒިންމާ ނަގަން ޖެހޭތޯ އެނގޭނީ ފަހުންކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އެމްއެންޑީއެފްގެ ދައުރު ތަހުގީގުގައި އޮންނާނެކަމަށެވެ. ނަމަވެސް އެމްއެންޑީއެފް މީހެއްގެ ބައިވެރިވުން މިކަމުގައި އޮތްކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގެން ނެތްކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

މިއީ މިލިޓަރީ އެކްސްޕްލޯސިވް ޑިވައިސްއެއްކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައި ނެތް ކަމަށް ސިޕީ ވިދާޅުވިއެވެ.

"މިއީ ސީދާ ކީއްވެގެން ދިން ހަމަލާއެއްކަމެއް ނޭނގޭ. ބޭރުގެ ޖަމާއަތެއްގެ ބައިވެރިވުން މިކަމުގައި އޮތްކަމެއް އަދި ނޭނގޭ" ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މިހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް ނިންމީ، ޓެރަރިޒަމް ގާނޫނުގައި ބުނާ ކަންކަން ފުރިހަމަވާތީ ކަމަށެވެ.

ސީޕީ ވިދާޅުވީ ރޭގެ ހަމަލާއާއި ގުޅިގެން ސްޓޭޓް އޮފް އިމަޖެންސީ (ކުއްލި ނުރައްކަލުގެ ހާލަތު) އިއުލާން ކުރައްވަންޖެހޭ ހާލަތެއް އޮތް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"މިއީ ސަރުކާރުގެ ތެރެއިން ރޭވިގެން ކުރި ކަމެއްތޯ އެނގޭނީ ތަހުގީގަށްފަހު." ސީޕީ ވިދާޅުވިއެވެ.

މިހާދިސާގައި ޝައްކުކުރެވޭ މީހުން ހައްޔަރު ނުކުރަނީ ކީއްވެތޯ ނޫސްވެރިން ސުވާލު ކުރުމުން ސީޕީ ވިދާޅުވީ ބަޔަކަށް ޝައްކުކުރެވުނަސް މީހުން ހައްޔަރުކުރުމުގައި އަމަލުކުރާނީ ގާނޫނުތަކުގައި ވާގޮތުގެ މަތިން ކަމަށެވެ.

ނަމަވެސް ސީޕީ ވިދާޅުވީ ޝައްކު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ދަނީ ބަލަމުން ކަމަށެވެ. ނަމަވެސް އެމީހުން މިހާރު ތިބީ ރާއްޖޭގައިތޯ ނުވަތަ ނޫންތޯ ސީޕީ ވިދާޅެއް ނުވެއެވެ.

"ގޮއްވާލި އެއްޗާއި ގުޅޭ ތަފްސީލީ މައުލޫމާތު ހާމަކުރެވޭކަށް ނެތް، ހާމަކުރަން ޖެހޭ ވަގުތު ޖެހުމުން އެކަން ކުރާނަން." ސީޕީ ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ މިމައްސަލައިގެ ތަހުގީގަށް ބޭރުގެ އެހީތެރިކަން ހުރިހާ ދާއިރާއަކުން ހޯދާނެ ކަމަށެވެ.

"އޮސްޓްރޭލިއާގެ އިތުރުން، އެހެން ގައުމުތަކުންވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުން." ސީޕީ ވިދާޅުވިއެވެ.

އެގޮތުން މައްސަލައިގެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުވެރި ގައުމުތަކުން ހުށަހަޅާފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. އަދި މިހާރު ވެސް އިނގިރޭސިވިލާތުގެ ދެ އެކްސްޕާޓުން ތަހުގީގުގައި މަސައްކަތް ކުރަމުން އަންނައިރު، އޮސްޓްރޭލިއާގެ ފެޑްރަލް ފުލުހުން މާދަމާ ރާއްޖެ އައިސް ތަހުގީގާ ގުޅޭނެ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ކޮމިޝަނަރު ހަމީދު ވިދާޅުވީ ރައީސް ނަޝީދަށް ރޭ ހަމަލާދީގެން ފުލުހުންނަށް ހުށަހެޅިތާ ދެ މިނެޓްގެ ތެރޭގައި ފުލުހުން ހާދިސާ ހިނގި ސަރަަހައްދަށް ދިޔަ ކަމަށެވެ. ފުލުހުން އެ ސަރަހައްދު ބަންދުކޮށް، ބަލާ، ކްލިއާކޮށްފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

"ތަހުގީގަށް ކުރިއެރުން ލިބޭ މިންވަރަކުން މިކަމުގެ މައުލޫމާތު ހާމަކުރަމުން ދާނަން." ޕްރެސް ނިންމަވާ ލައްވަމުން ސީޕީ ހަމީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އާއްމު މީހަކާއި ބިދޭސީއަކަށް ވަނީ އަނިޔާވެފަ އެވެ. ފަރުވާ އަށްފަހު ރައީސް ނަޝީދުގެ ބޮޑީ ގާޑުން ހޮސްޕިޓަލުން މިހާރު ވަނީ ދޫކޮށްލާފައެވެ. ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކާއި ގުޅިގެން ރައީސް ނަޝީދުގެ ތިން ސާޖަރީ އެއް ވަނީ ހަދާފައެވެ. ކާމިޔާބު ކަމާއެކު އެ ސާޖަރީތަށް ނިއްމާލާފައިވާއިރު އެމަނިކުފާނުގެ މުހިންމު އިތުރު ސާޖަރީ އެެއް ހެދުމުގެ މަސައްކަތް އޭޑީކޭ އިން މިހާރު އަންނަނީ ކުރަމުންނެވެ.

ސައިކަލެއްގެ މަޑިދަށުގައި އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ، މަޖީދީ މަގާއި ނީލޯފަރު ހިނގުން ގުޅޭ ކަންމަތިން އެމަނިކުފާނު ހިންގަވާފައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށެވެ. އެމަނިކުފާނު ގެއިން ނުކުމެވަޑައިގެންނެވީ ކުރުނބާ މޯލްޑިވްސްގައި އޮތް ހަފްލާއެއްގައި ބައިވެރިވެވަޑައިގަތުމަށް. ވަޑައިގެންނެވުމަވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން