ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ފަދަ ނުރައްކާތެރި ހަމަލާތައް ދިނުމުގެ ގާބިލްކަން ހުރި މީހުން މުޖުތަމައުގެ ތެރޭގައި އުޅެމުން އަންނަ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހަންމަދު ހަމީދު ވިދާޅުވީ އެފަދަ އަމަލުތައް ހިންގުމުގެ ގާބިލްކަން ލިބިފައިވާ މީހުން މުޖުތަމައުގެ ތެރޭގައި އުޅެމުންދާ ކަމަށެވެ. އެފަދަ މީހުން ފުލުހުން ހައްޔަރުކުރި ނަމަވެސް ޝަރީއަތުގެ މަރުހަލާގެ ތެރެއިން އެމީހުން މުޖުތަމައަށް ދޫވަނީ ހެކި ނެތުމުގެ ސަބަބުން ކަމަށް ހަމީދު ވިދާޅުވިއެވެ. ސީޕީ ވިދާޅުވީ އޭގެ ބައެއް އެހެން މީހުން ރާއްޖޭގެ އެކި ޖަލުތަކުގައި އުޅެމުން އަންނަ ކަމަށެވެ.

"އަނެއް ފަރާތްތަކެއް އަދި ހަމަ ވަރަށް ގިނަ ފަރާތްތަކެއް މިނިވަންކަމާ އެކު އެބައުޅޭ. ބައެއް ހާލަތްތަކުގައި ޝަރީއަތުން ކުށް ސާބިތު ނުވެގެން ނުވަތަ އެފަރާތްތަކުގެ މައްޗަށް އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ހަމަ މިނިވަން ރައްޔިތުންގެ ގޮތުގައި ހަރަކާތްތެރިވަމުންދޭ،" ކޮމިޝަނަރު ހަމީދު ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މިހާރުގެ ގާނޫނުތައް ހުރި ގޮތުން އަދި އެފަދައިން ފުލުހުންނަށް މައުލޫމާތުތަކެއް ލިބުނު ނަމަވެސް، ހެކި ނެތި އެފަދަ މީހުން ހައްޔަރު ނުކުރެވޭނެ ކަމަށެވެ. ފުލުހުންނަށް ލިބޭ އިންޓެލިޖެންސް މައުލޫމާތަށް ބަލައިގެން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަބަދުވެސް އަޅަމުންދާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރު ހަމީދު ވަނީ ދެެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން