ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިއްމައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރައީސް، މުހަންމަދު ނަޝީދަށް ދިން ހަމަލާ އާއި ގުޅޭ މައުލޫމާތު ދިނުމަށް މިރޭ 22:00ގައި ބަންޑާރަ ކޮށީގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިއްމާފައިވާ ކަމަށެވެ. މިއަދު މެންދުރުފަހު ފުލުހުންގެ އިދާރާ އިން ވަނީ ނޫސްވެރިންނާއި ބައްދަލުކޮށް އެހާދިސާ އާއި ގުޅުންހުރި ބައެއް މައުލޫމާތުތަކެއް ހާމަކޮށްފައެވެ. އެގޮތުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ޝައްކު ކުރެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެ މީހުން އައިޑެންޓިފައިކޮށް ހައްޔަރުކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށް ދޭ. އާންމުންނަށް އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހިއްސާކޮށްދެއްވާ،" ސީޕީ ހަމީދު ވިދާޅުވިއެވެ.

ނަޝީދަށް ދިން މި ހަމަލާ އާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ. ރޭގެ މި ހާދިސާގައި ރައީސް ނަޝީދުގެ އިތުރުން ހަ މީހަކަށް ވަނީ އަނިޔާވެފަ އެވެ. އެއީ ތިން ސިފައިންނާއި އާއްމު މީހެއްގެ އިތުރުން ބިދޭސީއަކަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް