ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރޭ ހަމަލާދިން ކަމަށް ބެލެވޭ މީހާ ހުރީ އަތަމާ ޕެލަސްގައި ކަމަށާއި، އެމީހާ ބޮން ގޮއްވާލީ ރިމޯޓް ކޮންޓްރޯލް ބޭނުންކޮށްގެން ކަމަށް ތުހުމަތުކުރެވޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ އެމީހާ ހުރީ އަތަމާ ޕެލަސްގެ ތެރޭގައި ކަމަށާއި އެތަނުގައި ހުރެގެން އޭނާ ރިމޯޓް ކޮންޓްރޯލެއް ބޭނުންކޮށްގެން ބޮން ގޮއްވައިލިކަމަށް، އަތަމާ ޕެލަސްގެ ސީސީޓީވީ ފުޓޭޖުން ފެންނަ މަންޒަރުތަކުން ބެލެވޭ ކަމަށެވެ. ބޮން ގޮވުމާއެކު އެމީހާ އެ ސަރަހައްދު ދޫކޮށް ފިލި ކަމަށާއި ފިލަން ދުވި މަަންޒަރު ދުށް އެތައް ބަޔަކު އޭނާއާ އެވަގުތު ބައްދަލުވި ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ އަތަމާ ޕެލަސްގެ ތެރޭގައި ހުރި މީހާ ދުވެފައި ދިޔައިރު އޭނާ ދިޔައީ އަތުގައި އޮތް އެއްޗެއް ސައިކަލު ގޮވާފައި އޮތް ތަނަށް އެއްލާފައި ކަމަށެވެ. އެތަނުގައި ރިމޯޓެއް ފާޑު އެއްޗެއް އޮތްތަން ފެނިގެން އެ، ފުލުހުންނަށް ދެއްކީ އޭނާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ މިހެން ވިދާޅުވި ނަމަވެސް ފުލުހުން މިކަމާއި ބެހޭ ގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓް ހަމަލާދިން ސަރަހައްދުގައި ތިބި ޝައްކުވާ ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ. މިމައްސަލައިގެ މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން