ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީނަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ގޮވާލައި، ފޭސްބުކް ޕޯސްޓެއް ކުރި މީހެއްގެ މައްސަލަ ބަލައިދިނުމަށް އެދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފުލުހުންގެ އިދާރާއަށް މައްސަލައެއް ހުށައަޅައިފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ރައީސް ޔާމީނަށް ޓެރަރިސްޓް ހަމަލާއެއް ދޭން އަލީ ޔާސިރު ނަމަކަށް ކިޔާ މީހަކު އޭނާގެ ފޭސްބުކް އެކައުންޓްގައި ލިޔެ ޝާއިއު ކޮށްފައިވާތީ އެކަމާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.



މިފަދަ ނުރައްކާތެރި އަމަލެއް ހިންގުމަށް ގޮވައިލާ، އެފަދަ ކަންކަމަށް ހިތްވަރު ދެމުން ގެންދާ މީހުންގެ މައްސަލަތައް ނުބެލި، އެފަދަ މީހުން މުޖުތަމައަށް ދޫވެފައި ތިބުމަކީ ގައުމުގެ ސަލާމަތަށް އިތުރު ގެއްލުންތައް ކުރިމަތިވާނެ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެެވެ. އިދިކޮޅު ކޯލިޝަނުން ބުނީ އެ ފަދަ ނުރައްކާތެރި ޓެރަރިސްޓް އަމަލުތައް ހިންގުމަށް ގޮވައިލާ މީހުން އެކަން ކުރަނީ ކޮންމެ ފަދަ މަގްސަދެއްގައި ކަމަށް ވިޔަސް، އެއީ ކުދިކުދި ކަންކަން ކަމުގައި ދެކި އަޅާނުލެވި، ނުބެލި ދޫކޮށްލެވިއްޖެ ނަމަ، ނުރައްކާތެރި އަމަލެއް ހިނގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.



ރައީސް ޔާމީން ގޭގައި ހުންނަވަނިކޮށް ގޮއްވައިލަން ގޮވާލައި ޕޯސްޓް ކުރި މީހާ ހޯދައި ހައްޔަރުކޮށް، މައްސަލަ ބަލައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަަވަޅުތައް އެޅުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެ.



"ރައީސް ޔާމިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވާ ވަރުގަދަ ކޮށްދެއްވުމަށް ވެސް އެދެމެވެ،" އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީނަކީ ހައިރިސްކް ބޭފުޅެއްކަމުން، މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުން ދާތީ، އެ މަނިކުފާނު މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ރައީސް ޔާމީނަށް ހަމަލާދިނުމަށް ގޮވާލި މައްސަލަ ބަލަން އިދިކޮޅުން ފުލުހުންނަށް ހުށައަޅައިފައިވާއިރު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭވަނީ ޓެރަރިސްޓް ހަމަލާއެއް ދީފައެވެ. އަދި މިހަމާލަގައި އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. ރައީސް ނަޝީދުގެ ހަތަރު ސާޖަރީ އެއް ހައްދަވާފައިވާއިރު އެމަނިކުފާނަށް އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން