ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ގައުމީ ދިފާއީ ބާރުގެ އެލާޓް ލެވަލް އެންމެ މައްޗަށް ބަދަލުކޮށްފިއެެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، އެމްއެންޑީއެފްގެ އެލާޓް ލެވަލް މިހާރު ވަނީ އެމްބާއަށް ބަދަލުކޮށްފައި ކަމަށާއި އެއީ ސިފައިންގެ އެންމެ މަތީ އެލާޓް ކަމަށެވެ.

ޝަމާލް ވިދާޅުވީ އެމްބަރއަކީ ޓެރަރިޒަމްގެ އަމަލަކާއި ގުޅިގެން ގެނެވޭ އެންމެ މަތީ ދަރަޖަކަމަށާއި މިހާރު ސިފައިން ވަނީ މަރުކަޒުތަކަށް ގެނެވި ސަލާމަތީ ފިޔަވަޅުތަކަށް ގެނެވިފައިކަމަށް ޝަމާލް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އަކީ ސަލްޓަންޕާކްގައި 2007 ވަނަ އަހަރު ގޮއްވާލި އައިއީޑީ އަށްވުރެ އެތައްގުނަ ބާރުގަދަ އައިއީޑީއެއް ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ބޭނުންކޮށްފައިވާ ޑިވައިސް ގޮއްވާލީ ޓައިމްޑް ޑިޓޮނޭޝަނެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށާއި، ބޮޑަށް ބެލެވޭ ގޮތުގައި ގޮއްވާލަން ބޭނުންކޮށްފައިވަނީ ކުޅޭ ކާރުފަދަ ތަކެތީގައި ބޭނުންކުރާ ކަހަލަ ރިމޯޓެއް ކަމަށް ޝަމާލް ވިދާޅުވިއެވެ. މިއީ ހޯމް މޭޑް ޑިވައިސްއެއް ނަމަވެސް އެތައް ގޮތަކުން ނުރައްކާތެރި އެއްޗެއް ކަމަށާއި، އައިއީޑީ އިތުރަށް ބާރުގަދަ ކުރުމަށް ރޭޒަރ ފުއް ލާފައިވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން