ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ފުލުހުންގެ ވެރިންނާއި ރައީސް ބައްދަލުކުރައްވަނީ
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ފުލުހުންގެ ވެރިންނާއި ރައީސް ބައްދަލުކުރައްވަނީ
ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމްއެންޑީއެފާއި ފުލުހުންގެ އިންޓެލިޖެންސްގެ އޮޑިޓެއް ހެދުމަށް އެމްއެންޑީއެފްއާއި ފުލުހުންނަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިއަދު އަންގަަވައިފިއެވެ.

ރައީސް ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް އޭޑިކޭ ހޮސްޕިޓަލަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީގެ މައްޗަށް އެސެސްމަންޓެއް ހެދުމަށާއި އިންޓެލިޖެންސް ނުލިބުނު މައްސަލާގައި އޮޑިޓެއް ހައްދަވަންވެސް ފުލުހުންގެ އިދާރާއަށާއި ގައުމީ ދިފާއީ ބާރަށް އެމަނިކުފާނު މިހާރު އަންގަވާފައިވާނެ ކަމަށެވެ.

ރާއްޖޭގެ އިންޓެލިޖެންސާއި ސެކިއުރިޓީ ކަންކަން މިހާރަށްވުރެ ރަނގަޅުވާންޖެހޭ ކަމަށް ރައީސް ސޯލިހް މިއަދު ވިދާޅުވިއެވެ.

"މިއަދުގެ ވަގުތެއްގައި ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓި ގޮތުގެ ޕްރޮސީޖާއާއި ސެކިއުރިޓީ ބަލަހައްޓަމުން އައީ ކިހިނެއްތޯ ބަލައި އެކަމާ ގުޅޭ ރިޕޯޓެއް އަޅުގަނޑާއި ހިސާބަށް ގެނެސްދޭނެ ކަމަށް ވިދާޅުވެފައި އޮތީ. އަޅުގަނޑު ރޭގައި ނެޝަނަލް ސެކިއުރިޓީ ކައުންސިލްއާ ބައްދަލުކޮށްފައި ނިއްމައިފިން އެމްއެންޑީއެފާއި ފުލުހުންގެ އިންޓެލިޖެންސް އޮޑިޓެއް ހެދުމަށް. އޭގައި ރަނގަޅުކުރަން ހުރީ ކޮންކަންތައްތަކެއްތޯ އާއި މިވަރުގެ ކަމެއް ހިގާދިޔައިރު އިންޓެލެޖެންސާއި ހަމަޔަށް މިކަން ތިލަވެގެން ނައި ސަބަބާއި، މިހުރިހާ އެއްޗެއް ބަލާފައި މި ދެ ރިޕޯޓްގެ އަލީގައި ވަރަށް ގިނަކަންކަން އަޅުގަނޑުމެން ރަނގަޅުކުރާނަން." ރައީސް ވިދާޅުވިއެވެ.

މިމަހުގެ ހަވަނަ ދުވަހުގެރޭ ވަރަށް އިރާކޮޅުގެ ވަގުތެއްގައި ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިގެން ހަމަލާ ދީފައިވަނީ އެމަނިކުފާނު ގެކޮޅުން ނުކުމެވަޑައިގެން ހިންގަވާފައި ވަޑައިގެން މަޖީދީ މަގަށް ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. ރައީސް ނަޝީދަކީ ރާއްޖޭގެ އެންމެ ހައިރިސްކް ބޭފުޅާކަމަށް ގައުމީ ދިފާއީ ބާރުން ބުނެފައިވާއިރު އެމަނިކުފާނަށް ހަށިފާރަވެރިކަން ދީފައިވަނީ އެފަދަ ގިންތިއެއްގެ ތެރެއިންތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

މަގުމަތީން އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވާ ސަރަހައްދުގައި ބޭނުން ބަޔަކަށް ބޭނުން ގޮތަކަށް ތިބެވޭނެތޯއާއި މުޅި ސަރަހައްދުގައި ދުއްވާ އެއްޗެހި ފުރިފައި އޮއްވާވެސް އެސަރަހައްދަށް އެމަނިކުފާނުގެ ކާރުކޮޅު ކައިރިކޮށްގެން އެމަނިކުފާނަށް ރައްކާތެރިކަން ކަށަވަރުކޮށްދެވިދާނެތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެވެ. އަދި އެފަދަ ހައިރިސްކް ބޭފުޅަކު ކާރަށް އަރާވަޑައިގަންނަވަން ވަޑައިގަންނަވާ ސަރަހައްދުގައި ބޭނުންމީހަކަށް ބޭނުން ގޮތަކަށް އުޅަނދު ފަހަރު ޕާކް ކުރެވިދާނެތޯ ވެސް ގިނަ ބަޔަކު ސުވާލު އުފައްދައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން