ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ފަހަތުގައި އެތައް ބަޔަކު ތިބެދާނެ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް މުހަންމަދު ނަޝީދުގެ އަރިހަށް ޒިޔާރަތް ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެހަމަލާއާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގު ހިނގަމުންދާ ދުވެއްޔާއި މެދު އެމަނިކުފާނު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އެމައްސަލައިގެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.



"އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ވަރަށް އަވަހަށް ތަހުގީގު ނިމި، ދައުވާ ކުރުމުގެ މަރުހަލާ ކުރިއަށްދާނެ ކަމަށް އުއްމީދު ކުރަން، ޤަބޫލު ކުރެވޭ މި ކަމުގެ ފަހަތުގައި ވަރަށް ގިނަ ބަޔަކު ވެސް ތިބިދާނެ ކަމަށް، ވަރަށް ފުޅާކޮށް ތަހުގީގު ގެންދާނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ، ރައީސް ނަޝީދު މިއަދު ވަރަށް ގިނަ ވާހަކަތައް ރައީސް ޞާލިހާ ދެއްކެވި ކަމަށެވެ. އަދި ރައީސް ނަޝީދު ހުންނެވީ ވަރަށް ގަދަފަދަކޮށް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިހިނގާ މެއި މަހުގެ ހަވަނަ ދުވަހުގެރޭގެ ދިން މިހަމަލާގެ ތަހުގީގަށް ތިން މީހަކު މިހާރުވަނީ ހައްޔަރުކޮށްފައެވެ. މިހަމަލާދިނުމުގައި ބައިވެރިވާ ކަމަށް ޝައްކު ކުރެވޭ ހަތަރު މީހަކު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ޓެރަރިސްޓް ހަމަލާގެ ތަހުގީގުގައި ބައިވެރިވުމަށް އޮސްޓެރޭލިޔާގެ ފުލުހުންގެ ތަޖުރިބާކާރު ޓީމެއް މިހާރު ވަނީ ރާއްޖެ އައިސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން