ރައީސް މުހަންމަދު ނަޝީދަށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން "ހިތްވަރު" ކުރުމަށް އިލްތިމާސް ކުރައްވައި ރައީސް ސޯލިހް ޚާއްސަ މެސެޖެއް ދެއްވައިފިއެވެ.

ރައީސް ނަޝީދުގެ އަރިހަށް ޒިޔާރަތް ކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙު ވިދާޅުވީ، ރައީސް ނަޝީދަކީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. އަދި ދިމާވި ހާދިސާއާއި ގުޅިގެން އެ ހުރިހާ ބޭފުޅުންނަށާއި ވަކިން ޚާއްސަކޮށް އެމްޑީޕީގެ ސަޕޯޓަރުން ވެސް ހިތްވަރު ކުރެއްވުމަށް ރައީސް ސޯލިހް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ، ދެން އެފަދަ ކަމެއް ވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާކަމެއް ކުރައްވާނެ ކަމަށެވެ. އަދި އެގޮތަށް ދިމާވާ ކަންތައްތަކުން ޤައުމު ސަލާމަތް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާކަމެއް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ. ރައީސް ވިދާޅުވީ، އެކަމުގައި އެންމެ ބޮޑު މަސައްކަތެއް ކުރެވޭނެ ބަޔަކީ އެމްޑީޕީއާއި އެމްޑީޕީގެ ސަޕޯޓަރުންނަށް ކަމަށެވެ.

"އެމްޑީޕީގެ ސަޕޯޓަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހިތްވަރު ކުރައްވާށޭ، އިރާދު ކުރެއްވިއްޔާ އަޅުގަނޑުމެންނާ ކުރިމަތިވި މި ކަންތައްތަކުގައި، ދެން މިފަދަ ކަމެއް ވިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާކަމެއް އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން، ރައީސް ނަޝީދަކީ ހިތްވަރުގަދަ ބޭފުޅެއް، މިއަދުވެސް ދެއްކެވި ވާހަކަތަކުން ވަރަށް ބޮޑަށް އަޅުގަނޑަށް އެކަން ޔަޤީންވި. އަޅުގަނޑުމެން ހަމަ ގައިމުވެސް މިތިބީ މި ދިމާވާ ކަންތައްތަކުން ޤައުމު ސަލާމަތް ކުރުމަށްޓަކައި ކުރެވެންހުރި ހުރިހާކަމެއް ކުރަން. ހަމަ ގައިމުވެސް މީގައި އެންމެ ބޮޑު މަސައްކަތެއް ކުރެވޭނެ ބަޔަކީ އެމްޑީޕީއާއި އެމްޑީޕީގެ ސަޕޯޓަރުން. އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ އެކަންކަން ކުރާނަން." ރައީސް ސޯލިހް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޖަވާދު

11-May-2021

ރައީސް ނަޝީދަކީ ދިވެހި އުއްމަތަށް ލިބުނު ޖަވާހިރެއް.



ޓްރެންޑިން