އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
އިންތިޚާބުުގެ ވަގުތަކީ އަބަދުވެސް ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވާ ވަގުތެއް ކަމަށާއި މިއީ އެފަދަ ކަމަކަށް ފުރުސަތު ދޭންވީ ދަނޑިވަޅެއް ނޫން ކަމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހަންމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ. މިދަނޑިވަޅުގައި އެތެރޭގެ އިންތިޚާބު ބާއްވައި ޕާޓީގެ ވާދަވެރިކަން ބޮޑު ކުރުމުގެ ބަދަލުގައި މިއީ ޕާޓީގެ އެއްބައިވަންތަކަން އިތުރުކުރަންވީ ވަގުތު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެެވެ. އެހެންކަމުން މި އިންތިޚާބު މި ވަގުތު ބޭއްވުމާ މެދު ޕާޓީގެ މެމްބަރުން ވިސްނާލުމަށް ރައީސް ސޯލިހް ވަނީ އެދިވަޑައިގެންފައެވެ.

"އެހެންކަމުން މި އިންތިހާބު މި ވަގުތު ބޭއްވުމާ މެދު އަޅުގަނޑުމެން އެންމެން ވިސްނާލުން ބުއްދިވެރި،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވަނީ ގައުމު ބައިބައިކުރަން އުޅޭ ޓެރަރިސްޓުންނަށް ފުރުސަތު ނުދީ، ހުރިހާ އެންމެން އެކުގައި އާ ހިތްވަރަކާ އެކު ނުކުތުމަށް ގޮވާލައްވާފައެވެ.

"މީ އަޅުގަނޑުމެން އިހުނަށް ވުރެ ބާރުލާފައި، ކުރިއަށް ވުރެ އަޑު ހަރުކޮށް، އާ އަޒުމުގައި އާ ހިތްވަރަކާ އެކު ތެދުވަންވީ ވަގުތު." ރައީސް ސޯލިހް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސަށް ދިން ހަމަލާގެ ފަހަތުގައި ތިބި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ޞާލިހު ވަނީ މިރޭ ވެސް ތަކުރާރު ކުރައްވާފައެެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު ކުރިން ވެސް ރޭވިފައިވާގޮތަށް ކަނޑައެޅި ތާރީހުގައި އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އޮންނާނެ ކަމަށް އެ ޕާޓީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 29 ވަނަ ދުވަހުއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން