މާލެ ސަރަޙައްދުގައި ކޯވިޑަށް ޓެސްޓް ހަދާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުން ބައްޔަށް ޕޮޒިޓިވްވަމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.

މާލެ ސަރަހައްދުގައި ކޯވިޑް ކޭސްތައް އިތުރުވަމުންދާއިރު އެޗްޕީއޭއިން ބުނީ އެންމެ ބޮޑު ކަންބޮޑުވުމަކީ ރެންޑަމް ސާމްޕަލާ އަދި ފްލޫކްލިނިކަން ދައްކާ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރު އިތުރުވުންކަމަށެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަޙައްދުގައި ސާމްޕަލް ޓެސްޓުކުރާ ކޮންމެ 5 މީހުންގެ ތެރެއިން 3 މީހުން ދަނީ ބައްޔަށް ޕޮޒިޓިވްވަމުންކަމަށެވެ. އެއީ ކޮވިޑަށް ޓެސްޓުކުރާ މީހުންގެ 60 އިންސައްތަ މީހުންނެވެ. މިއީ ކަންބޮޑުވާންޖެހޭ އަދަދެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ ދެ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވާ އިންސައްތަ 4 ގުނަ ވަނީ އިތުރުވެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުވެސް ހަމައެކަނި މާލެ ސަރަޙައްދުން 700 އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ވޭތުވެދިޔަ މަހެއްހާ ދުވަހަށް ބަލާއިރު ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ނިސްބަތް އެވަރެޖްކޮށްހުރީ 400 އާ ގާތްކުރާ އަދަދަކަށްކަމަށާއި ނަމަވެސް ޙާލަތު އިންތިހާއަށް ގޯސްވެ ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ނިސްބަތް ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު 700 އިން މައްޗަށް ވަނީ އަރާފައެވެ.

ބަލިޖެހޭ މީހުންނަށްވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު ރާއްޖޭގައި ކުރިން މަތީގައި އުޅުނުނަމަވެސް މިހާރު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެތައް ގުނައެއް މައްޗެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާހޯދަމުންދާ މީހުންގެ އަދަދު އުޅެނީ 9000 އިން މަތީގައެވެ.

މީހުން ބައްޔަށް ޕޮޒިޓިވްވަމުންދާއިރު، އެމީހުންނަށް ފަރުވާ ދޭނެ ނަރުހުންނާއި ޑޮކްޓަރުން ނެތުމުގެ މައްސަލައަކީ އަނެއް މައްސަލައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރަމުންދާ ސިއްޙީ އެހީތެރިންގެ 55 އިންސައްތަ މީހުން މިހާރު މަސައްކަތްކުރަމުންދަނީ ސީދާ ކޮވިޑަށް ފަރުވާދިނުމުގެ މަސައްކަތުގައިކަމަށެވެ. އަތޮޅުތަކުން ޕޮޒިޓިވްވާ މީހުން އިތުރުވެ، އަތޮޅުތަކުގެ ފެސިލިޓީތަކުން ފަރުވާ ހޯދާ މީހުންވެސް ވަނީ އިތުރުވެފައެވެ.

"ސްޕެޝަލިސްޓުން، މެޑިކަލް އޮފިސަރުން، ނަރުހުން، ކޮމިއުނިޓީ ހެލްތް ވޯކަރުން، މިއިން ކޮންމެ ދާއިރާއަކަށް ބެލިއަސް 55 އިންސައްތަ މީހުން މިހާރު މަސައްކަތްކުރަމުންދަނީ ކޯވިޑްގެ ކަންކަމުގައި" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގެ ކޯވިޑް ހާލަަތު ހީވެސް ނުކުރާހާ ގޯސްކޮށް އުޅޭއިރު، މިކަމުގެ ޒިންމާ އެއްބަޔަކު އަޅުވަނީ އަނެއް ބައެއްގެ ބޮލުގައެވެ. އަހަރެއްހާ ދުވަހު ލޮކްޑައުންގައި ތިބުމުންވެސް ސަރުކާރާއި ޑޮކްޓަރުން ބުނަމުންދަނީ މިއީ ރައްޔިތުން ފަރުދީ ޒިންމާ އަދާނުކުރުމުން ދިމާވެގެން އުޅޭ ކަމެއްކަމަށެވެ. ނަމަވެސް އާންމު ރައްޔިތުން ބުނަނީ އެމީހުން އަހަރު ދުވަސް ވަންދެން ބަންދުގައި ތިބީ ޒިންމާ އަދާކޮށްގެން ކަމަށެވެ. ނަމަވެސް މިއީ ކޯވިޑް ތެރޭގައިވެސް ސިޔާސީ ސަކަރާތް ޖެހުމާއި ވައްކަންކުރުމުގައި ބަޔަކު އުޅުމުން ދިމާވި ކަމެއްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. މީގެއިތުރުން ކޮވިޑްގައި އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަކުރިއިރު ކޮވިޑްގެ މިހާލަތަށް ތައްޔާރު ވުމަށް ރާއްޖޭގެ ސިއްހީ ވަސީލަތްތަކާއި އާލާތްތައް އިތުރުކޮށް އިންސާނީ ވަސީލަތް އިތުރު ކުރަން މާބޮޑު މަސައްކަތެއް ކޮށްފައި ނުވާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން