ފަތުރުވެރިކަމަށް ދޫކުރާ ރަށެއްގައި ތަފާތު އެކި ޓޫރިސްޓް ފެސިލިޓީތައް ތަރައްޤީކުރުމުގެ ފުރުސަތު ލިބޭގޮތަށް އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު ތަރައްޤީކޮށް ހިންގުމާބެހޭ ގަވާއިދު ގެޒެޓްކޮށްފިއެވެ.

އިންޓަގްރޭޓަށް ރިސޯޓްތައް ތަރައްޤީކުރުމުގެ ފުރުސަތު ޓޫރިޒަމް ޤާނޫނަށް ގެނައި އިސްލާހާއެކު ފަހިވެފައިވާއިރު މިހާރު ޓޫރިޒަމް މިނިސްޓްރީން މިވަނީ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓުތައް ތަރައްޤީކުރުމާއި ގުޅޭ ޤަވާއިދު ނުވަތަ އެކަން ކުރާނެ އުސޫލުތައް ކަނޑައަޅާ ގެޒެޓްކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ރިސޯޓް ހަދައި ތަރައްގީކޮށް ހިންގަނީ ކޮންމެ ރަށަކީ އެއްބަޔަކު ހިންގާ އެއްރިސޯޓުގެ ގޮތުގައެވެ. އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓްތައް ތަރައްޤީކުރުމުގެ ހުއްދަ ދިނުމުން އެއްރަށެއްގައި އެއް ރިސޯޓަށްވުރެ ގިނަ ރިސޯޓް ނުވަތަ ގެސްޓް ހައުސްތައް ހިންގުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

ޤަވާއިދުގައިވާގޮތުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކިވަކި ވިޔަފާރިތަކެއްގެ ގޮތުގައި ހިންގޭނީ، ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް، ފީނުމުގެ ޚިދުމަތް ދޭ ތަންތަން، ފަތުރުވެރިންނަށް ބޭނުންވާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން، ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގާ ރީޓެއިލް ވިޔަފާރިތައް އަދި މި ޚިދުމަތްތަކުގެ އިތުރުންވެސް ފަތުރުވެރިންނަށް އަމާޒުކޮށްގެން ފޯރުކޮށްދެވޭ އެހެނިހެން ޚިދުމަތްތަކެވެ. މީގެއިތުރުން މިހާރު ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓްތައްވެސް އިންޓަރގްރޭޓަޑް ރިސޯޓް ކޮންސެޕްޓަށް ބަދަލުކޮށްލުމުގެ ފުރުޞަތު ގަވާއިދުގެ ތެރެއިން ލިބެއެވެ. ޤަވާއިދުގައިވާގޮތުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ހިންގުމަށްދެވޭ ލައިސަންސްގެ މުއްދަތަކީ 20 އަހަރުދުވަހެވެ.

ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ދޫކުރެވޭނީ ހަމައެކަނި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ކުންފުންޏަކަށްކަމަށް ޤަވާއިދުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން