ޓީވީން ލައިވްކޮށް ކުރިއަށްދާ ހިޔާ މަޝްރޫއުގެ ފުލެޓުތަކުގެ ގުރުއަތު ނެގުން މެދުކަނޑާލައިފިއެވެ.

އެޗްޑީސީން ހިޔާ މަޝްރޫއުގެ ފުލެޓުތަކުގެ ގުރުއަތު ނެގުން މެދުކަނޑާލީ ކޯވިޑާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންކަމަށް ބުނެއެވެ. ހިޔާ ފްލެޓްތަކުގެ މިހާރު ކުރިއަށްދާ ގުރުއަތުލުމަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން އިމާރާތްކުރި ފުލެޓުތަކުން މީހުންނަށް ލިބޭ އެޕާޓްމަންޓް ޔުނިޓް ކަށަވަރުކުރުމަށް ކުރިއަށްގެންދާ ގުރުއަތުލުމެކެވެ. މިމަސައްކަތް އެޗްޑީސީން ފެށީ ހުސްވި މަހުއެވެ.



ގުރުއަތުލުން ފެށުމަށްފަހު މީގެކުރިންވެސް އެޗްޑީސީން ވަނީ ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން މެދުކަނޑާލާފައެވެ. އެފަހަރު އެޗްޑީސީން ގުރުއަތުލުން ކެންސަލްކުރީ ހައުސިންގ މިނިސްޓްރީން ލިބެންޖެހޭ ލިސްޓްތައް ނުލިބިގެންކަމަށް ބުނެއެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފައިނަލް ކުރެވިފައިވާ އިތުރު ފަރާތްތަކުގެ ލިސްޓްތައް ޕްލޭނިން މިނިސްޓްރީން ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އެޗްޕީއޭއިން މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ހިޔާ މަޝްރޫއުގެ ގުރުނެގުން ފަސްކުރެވިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ގުރުއަތުލުން އަނެއްކާވެސް ކުރިއަށްދާނީ އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ލިބުމުންކަމަށެވެ. އަދި ފިޔަވަޅުތަކަށް ލުއިލިބި، ގުރުއަތުނަގާ ދުވަސް ހަމަޖެހުމުން ގުރުނަގާ ތާރީހަކާއި ގުރުނެގޭ ފަރާތްތަކުގެ ލިސްޓު އާންމުކުރާނެކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން މިދިޔަމަހު ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ފެށިއިރު، އެކަން ކުރިއަށް ގެންގޮސްފައިވަނީ މީހުން ޖަމާނުކޮށް، ޓީވީން ލައިވްކޮށް ދުރަށްދައްކައިގެނެވެ. އެހެންކަމުން ކޯވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ބުނެ އެކަން ހުއްޓާލަން ޖެހުނު ސަބަބާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން