ލެޕްޓޮޕާއެކު ދަބަހުގައި ހުރި 25000 ރުފިޔާގެ އަގުހުރި ސާމާނު ވަގަށް ނެގި މައްސަލައިގެ އިންސާފު ލިބުން ލަސްވާ ކަމަށް ބުނެ މީހަކު ޝޯޝަލް މީޑިޔާގައި އޭނާގެ އިހުސާސްތައް ބަންޑުންކޮށްލައިފިއެވެ.



ޝޯޝަލް މީޑިޔާގައި އާންމުންގެ މީހަކު ޝަކުވާ ކުރީ އޭނާގެ ލެޕްޓޮޕާއެކު 25000 ރުފިޔާގެ އަގުހުރި ސާމާނު ވަގަށް ނެގި މައްސަލައަށް 42 ދުވަސް ވެގެންދިޔައިރު އެކަމަށް އިންސާފު ނުލިބޭ ކަމަށް ބުނެ އެެވެ.

މުހަންމަދު ވިޝާހް ނަމަކަށް ކިޔާ އެމީހާ ބުނީ ލެޕްޓޮޕާ ދަބަސް ގެއްލުނު މައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯޓްކުރި ކަމަށާއި، ބަޔާން ނަގަން ގުޅާނަމޭ ބުނެ ފުލުހުންގެ ޚަބަރެއް ނުވުމުން ބަޔާން ނަގަން ދިޔައީ ވެސް އަމިއްލަ އަށް ކަމަށެވެ. އަދި ސީސީޓީވީ ފުޓޭޖް ޗެކްކުރަން ގުޅާނަމޭ ބުނެ ފުލުހުންގެ ޚަބަރެއް ނުވުމުން އެންމެފަހުން ކައިރީގައި ހުރި ފިހާރަތަކަށް އެ ފުޓޭޖްތައް ހޯދަން ދިޔައީ އަމިއްލައަށް ކަމަށް އޭނާ ބުންޏެވެ.

ވިޝާހް ބުނީ ސީސީޓީވީ ފުޓޭޖް ހޯދަން ދާން ބޭނުންވާ ކަމަށް ފުލުހުން ގާތު ބުނުމުން އިތުރު ފުޓޭޖެެއް ބޭނުންނުވާނެ ކަމަށް ފުލުހުން ބުނި ކަމަށާއި، އެ މަންޒަރު ފުލުހުންގެ ސީސީޓީވީ ކެމެރާއަށް ރީތީކޮށް އަރާފައި ހުރި ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވިޝާހް ބުނެފައިވެއެެވެ.

އެހެން ނަމަވެސް ވީޑިއޯއިން އެއީ ކާކުކަން ފުލުހުންނަށް ދެނެގަނެވިފައިނުވާތީ މީޑިޔާއަށް ފުޓޭޖް ލާން ބުނުމުން މަޑުކުރުމަށް ފުލުހުން ބުނި ކަމަށާއި، އޭގެ ފަހުން 2 ހަފުތާ ފަހުން ގުޅުމުން މީޑިޔާއަށް ފޮނުވި ކަމަށް ފުލުހުން ބުނި ކަމަށް ވިޝާހް ބުނެ އެވެ. ސީސީޓީވީ ފުޓޭޖް މީޑީޔާއަށް އާންމުކުރީ 20 ވަރަކަށް ދުވަސް ފަހުން ކަމަށާއި، އެ ފުޓޭޖް އާންމުކުރިތާ 30 މިނެޓް ތެރޭގައި ރައްޓެއްސަކު ގުޅާފައި އެމީހާގެ ފޮޓޯއަކާއި އުޅޭތަނާއި އެޑްރެސް ފޮނުވި ކަމަށް ވިޝާހް ބުނެފައި ވެއެެވެ.



އެންމެ ފަހުން އެމީހާ ހޯދަން ވިޝާހް އެގެއަށް ދިޔައެވެ. ވިޝާހް ބުނީ އޭނާވީ މާފުށީ ޑިޓޮކްސް ސެންޓަރުގައި ކަމަށް އާއިލާއިން ބުނި ކަމަށާއި، ފުޓޭޖް ފެނުމުން އާއިލާއިން ބުނީ ފުޓޭޖް ފެނިއްޖެ ކަމަށާއި، އޭނާ ފިލީ އެހެންވެގެން ކަމަށް ވެދާނެ ކަމަށެވެ. ވަައްކަން ކޮށްގެން ގެންނަ އެއްޗެހި އެގެއަށް ނުގެންނަ ކަމަށް އާއިލާ އިން ބުންނި ކަމަށް އޭނާ ބުނެޏެވެ. އެމީހާ އަކީ ވައްކަމާއި ޑްރަގް މައްސަލަތަކުގެ ރިކޯޑް އޮންނަ މީހެއް ކަމަށާއި، އޭނާ އަކީ ދެވަނަ ފުރުސަތެއް ދޭން މުޖުތަމައަށް ދޫކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވިޝާހް ބުނެފައިވެއެވެ. އަދި ފުލުހުން މައްސަލަ ކްލޯސްޒް ކޮށްފައިވާ ކަމަށާއި ފަހުން ޚަބަރެއް ނުވާ ކަމަށް ވިޝާހް ވަނީ ބުނެފައެވެ.

"މުޖުރިމަކު ހޯދަން ބޭނުމިއްޔާ، ފުލުހުންނަށް ހަމަ ނުހަނު ފަސޭހަކަމާއެކު ހޯދޭނެކަން މިއެގުނީ މިހާރު ދައްކާ ނޫސް ކޮންފަރެންސްތަކުން. އަޅުގަނޑުގެ ލެޕްޓޮޕާ ދަބަހުގައި ހުރި 25000 ރުފިޔާގެ ސާމާނު ވަގަށް ނަގައިގެން ރިޕޯޓްކުރިތާ މިއަދަށް 42ދުވަސް ހަމަވީ، ސިޔާސީ ބާރެއް ނެތް ނިކަމެތި މީހާގެ މައްސަލަ ބަލާގޮތް މިއީ." ކުރީގެ ރައީސް މުހަންމަދު ނަޝީދަށް ހަމަލާދިން މީހުން 48 ގަޑިއިރު ތެރޭގައި ސީސީޓީވީ ފުޓޭޖްގެ އެހީގައި ދެނެގަނެ އެމީހުން ފުލުހުން ހައްޔަރުކުރި މައްސަލައަށް އިޝާރަތްކޮށް އޭނާ ހުށައެޅި މައްސަލަ ދިޔަ ގޮތުގެ ތަފްސީލް ހާމަކޮށް ބުނެފައިވެއެވެ.



އެވާހަކަ ދައްކާ ކޮންމެ މީހަކު ވެސް މިހާރު ބުނަނީ އެންމެ ވާހަކަ އެކެެވެ.

"ދެން ތިއެއް ނުލިބޭނެ، މިހާރު މާ ބޮޑަށް ތިޔަ ލަސްވީ." ވިޝާހް ބުންޏެވެ.

ވިޝާހް ވަނީ އެމައްސަލަ ހިގާދިޔަ ގޮތާއި ފުލުހުންނާއި ދެކެވުނު ވާހަކަތަކުގެ ސްކްރީން ޝޮޓްތަކެއް އާންމުކޮށްފައެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެއެވެ.

އާންމު ރައްޔިތުންގެ މިފަދަ ކަންކަމުގައި ފުލުހުންގެ ފަރުވާ ކުޑަކަމާއި އެހީތެރިކަން ނުލިބޭތީ އަބަދުވެސް މީސް މީޑިއާގައި ޝަކުވާ ކުރެއެވެ. އަދި ވިޑިއޯ ފުޓޭޖް ލިބެންހުރެ ވަގުކަލޭގެ އަތުލައި ނުގަނެވުމާއި ފުޓޭޖް ހޯދަން އަންނަން އެތައް އިރެއް އަދި ބައެއް ފަހަރު އެތައް ދުވަހެއް ނެގުމާއި ވިޑިއޯ ނަގަން އަންނައިރު ގެންނަ ޕެންޑްރައިވް ހަލާކުވެގެން ތިން ހަތަރު ދުވަހު ހިނގަހިނގާފައި ފަހުން ޚަބަރެއް ނުވުމާއި މިފަދަ އެތައް ޝަކުވާއެއް މީސް މީޑިއާ ހަވާލުމުން ފެންނަން އެބަހުއްޓެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޢަހުމަދު

13-May-2021

މަގޭ ވޯކްޝޮޕް ފަޅާލައިގެން ވަގަށް ނެގި ސާމާން ވިއްކި މީހާ އާއި ގަތް މީހާ ދެއްކީމަވެސް އިންސާފެއް ނުލިބުނު. އިންސާފާއި, ލާރިޔާއި, ހުރިހައި އެއްޗެއް ސިޔާސީ މީހުންނަށް.


7

އިންސާފު ނުލިބޭނެ

12-May-2021

އާންމު ދެރަ ނިކަމެތި މީހެއްވިއްޔާ ނުވާނެ ތިކަމެއް ފުލުހުންނަކަށް. ރިޔާސީ ބާރުހުރި މީހެއް ވިއްޔާ ވަރަށް އަވަސްވާނެ



ޓްރެންޑިން