ރާއްޖޭގެ ބޮޑު ބަޔަކަށް ކުރިއަށްއޮތް 5 ދުވަހު މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މިއަހަރުގެ ހުޅަނގު މޫސުން ރާއްޖޭ ސަރަޙައްދަށް ފެށެން ކައިރިވުމާއި ގުޅިގެން މާދަމާއިން ފެށިގެން ކުރިއަށްއޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެތީ، ހުރިހާ ފަރާތްތަކުންވެސް އަދި ޚާއްސަކޮށް، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.



މެޓް އޮފީހުން ބުނީ ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އެގޮތުން މާލެއަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ވައިޓް އެލަރޓްވެސް މިހާރު ވަނީ ނެރެފައެވެ.



މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން