މާލޭ ސަރަހައްދުގައި ކޯވިޑް ފެތުރެމުންދާ މިންވަރު އިތުރުވުމާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުން ދޭ ގިނަ ހިދުމަތްތަކެއް މެދުކަނޑާލައިފިއެވެ.



ހުޅުމާލެ ހޮސްޕިޓަލުން ބުނީ ރާއްޖޭގައި ކޯވިޑް ކޭސްތައް އިތުރުވަމުން ދިއުމާއި ގުޅިގެން އެ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ ތެރެއިން 7 ހިދުމަތެއް ފިޔަވައި އެހެނިހެން ހިދުމަތްތައް މިއަދުން ފެށިގެން ވަކިގޮތަކަށް އަންގަންދެން މެދުކަނޑާލާފައިވާކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ލިބޭނީ 24 ގަޑިއިރު އެމަޖެންސީ ހިދުމަތާއި، މިހާރު ރަޖިސްޓްރީކޮށްފައި ތިބި މާބަނޑު މީހުންނަށް ދެވޭ އޭއެންސީ ހިދުމަތާއި، ޑައިލިސިސްގެ ހިދުމަތާއި، އޮންކޮލޮޖީގެ ހިދުމަތާއި، ކުޑަކުދިންގެ ވެކްސިން ޖަހައިދިނުމާއި، ލެބޯޓަރީގެ ހިދުމަތް އަދި ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ ހިދުމަތެވެ.



މާލޭ ސަރަހައްދުގައި ކޯވިޑް ފެތުރެމުންދާ މިންވަރު އިތުރުވުމާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުން ދޭ ގިނަ ހިދުމަތްތަކެއް މެދުކަނޑާލާފައިވާއިރު، ސިއްހީ ހިދުމަތްތެރިންގެ ބޭނުން އޮތީ އިންތިހާއަށް ޖެހިފައެވެ. އަނެއްކޮޅުން ހުޅުމާލޭގައި ހުންނަ ކޯވިޑް ފެސިލިޓީގައި މަސައްކަތްކުރާނެ ވޮންޓިއަރުން ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންވެސް ހިމެނެއެވެ.

ސަރުކާރުން ބުނާގޮތުން ރާއްޖޭގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ދެބައިކުޅަ އެއްބައި ހިދުމަތްތެރިން މަސައްކަތްކުރަމުންދަނީ ކޯވިޑް ބަލީގެ ކަންކަމުގައިކަމަށެވެ. އެގޮތުން މިހާރުވެސް 9000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު، 250 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ސަރުކާރުން މިހެން ބުނި ނަމަވެސް އާންމުންގެ ގިނަ ބަޔަކު މިމައްސަލައިގައި ސަރުކާރަށް ފާޑުކިޔައި ބުނަމުންދަނީ ކޮވިޑާއި އެކު އަހަރަކަށްވުރެ ގިނަ ދުވަސް ހޭސްކުރިއިރުވެސް އިންސާނީ ވަސީލަތްތަކާއި ފެސިލިޓީއާއި އާލާތްތައް ހޯދައި ތަރައްގީ ކުރަން އެކަށީގެންވާ މަސަކަތެއް ކޮށްފައި ނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން