މާލޭގެ މަގެއް މީގެކުރިން ފުރަބަންދުގައި އޮތް ދުވަސްވަރު (ރަސް ފޮޓޯ: ޝާހް)
މާލޭގެ މަގެއް މީގެކުރިން ފުރަބަންދުގައި އޮތް ދުވަސްވަރު (ރަސް ފޮޓޯ: ޝާހް)
ކޮވިޑް ބައްޔަ ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މަތިވެ އޮބިނޯންނަ ހިސާބަށް ދިއުމުން މާލެ ސަރަހައްދު ފުރަބަންދަށް ދާން އުޅޭކަމަށް ބައެއް މީޑިއާތަކުން ބުނާ ވާހަކަ ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ދޮގުކުރަށްވައިފިއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ދެ ހަފުތާއަށް މާލެ ސަރަހައްދު ފުރަބަންދު ކުރުމަށް ނިންމާފައިވާ ކަމަށް ބުނާ ވާހަކައަކީ ތެދެއްތޯ "ރަސް އޮންލައިން" އިން ދެންނެވުމުން މަބްރޫކް ވިދާޅުވީ "ނޫން، ނޫން އަދި އެފަދަ ނިންމުމެއް ނެތް" ކަމަށެވެ.

މުޅި ރާއްޖޭގައި ކޮވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވަމުންދާއިރު މާލެ ސަރަހައްދުގައި ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުންގެ އަދަދުތައް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. މިގޮތުން މާލެ ސަރަޙައްދުގައި ކޯވިޑަށް ޓެސްޓް ހަދާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުން ބައްޔަށް ޕޮޒިޓިވްވަމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މިއާއެކު ކުރިއަށް އޮތް ފިތުރު ޢީދާއި ދިމާކޮށް މާލެ ސަރަހައްދު ދެހަފްތާއަށް ފުރަބަންދު ކުރެވޭނެކަމަށް ބައެއް މީޑިއާތަކުން މިއަދު ވަނީ ހާމަކޮށްފަވެއެވެ. މީޑިއާތަކުން ބުނާ ގޮތުގައި މާލެ ސަރަހައްދު ފުރަބަންދު ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުގެ މެދުގައި މިހާރު ވަނީ މަޝްވަރާތައްކޮށް ނިމިފައެވެ. އަދި މިކަން ވަރަށް އަވަހަށް އެޗްޕީއޭއިން އާންމުކޮށް އިއުލާން ކުރާނެކަމަށް ނޫސް ތަކުން ބުނި ނަމަވެސް މިރޭ މަބްރޫކް ވިދާޅުވީ އަދި އެފަދަ ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދިއުމާއިއެކު، ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމާއިއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް މިހާރު ވަނީ ހަރުކަށިކޮށްފައެވެ.

ވޭތުވެދިޔަ މަހެއްހާ ދުވަހަށް ބަލާއިރު ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ނިސްބަތް އެވަރެޖްކޮށްހުރީ 400 އާ ގާތްކުރާ އަދަދަކަށެވެ. ނަމަވެސް ޙާލަތު އިންތިހާއަށް ގޯސްވެ ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ނިސްބަތް ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު 700 އިން މައްޗަށް ވަނީ އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު