އިސްރާއީލުގެ ސިފައިން މަސްޖިދުލް އަޤްޞާގައި އަޅުކަން ކުރަމުންދާ މުސްލިމުންނަށް ދެމުންދާ އަނިޔާތަކާއި ހިންގާ ޖަރީމާތައް ކުށްވެރިކޮށް އެ އަމަލުތަކާއި ދެކޮޅަށް ތެދުވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، އިސްރާއީލުގެ ސިފައިން ފަލަސްޠީނުގެ ބިންތައް ހިސޯރުކޮށް، މާތް މަސްޖިދުލް އަޤްޞާއަށް ގެއްލުންދީ އެތަނުގެ ހުރުމަތް ކަނޑާ، އަޅުކަން ކުރަމުންދާ މުސްލިމުންނަށް ދެމުންދާ އަނިޔާތައް ކުށްވެރިކޮށްފައެވެ.

އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޕްރޮގްރެސިވް ކޯލިޝަނަށް ނިސްބަތްވާ ހުރިހާ މެމްބަރުންގެ ނަމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރާ ކަމަށާއި، އަބަދުވެސް ދެމިއޮންނާނީ ހައްގުގެ މަގުގައި ތިބި މުސްލިމުންނާއި އެކުގައި ކަމަށް، ކޯލިޝަނުން ނެރުނު ބަޔާނުގައިވެއެެވެ.

ހަމަ އެއާއެކު، ރަމަޟާން މަހުގެ ފަހު ދިހައިގައި އަޅުކަން ކުރުމަށް ހުރަސް އަޅާ، ފަލަސްޠީނުގެ ބިންތައް ހިސޯރުކޮށް، އިސްރާއީލުގެ ސިފައިން ހިންގާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް މިހާތަނަށް ސަރުކާރުން ބަހެއް ބުނެފައި ނެތުމަކީ އެކަމާއި ރައްޔިތުން ހިތާމަ ކުރާ ކަމެއް ކަމުގައިވެސް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެެވެ.

އެހެންކަމުން އިސްރާއީލުގެ ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި، ވަކިން ޚާއްސަކޮށް އަޤްޞާ މިސްކިތުގެ ހުރުމަތް ކަނޑާ، އެތަނުގައި އަޅުކަން ކުރުމަށް ހުރަސް އަޅާ ހިންގަމުން ގެންދާ އަމަލުތަކާއި ދެކޮޅަށް ސަރުކާރުން ބަހެއް ބުނުމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި މިފަދަ ލާއިންސާނީ ހަމަލާތަކާއި ދެކޮޅަށް ސަރުކާރު ފެންވަރުގައި ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަކީ ދިވެހި ރައްޔިތުން ސަރުކާރުގެ ކިބައިން މިއަދު އެދޭ އެންމެ ބޮޑު އެދުން ކަމަށްވެސް، ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެެވެ.

އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އިސްރާއީލުގެ ބާރުތަކުންވަނީ މަސްޖިދުލް އަޤްޞާއަށް ވަދެ، އެތަނުގައި ތިބި ފަލަސްޠީނު ރައްޔިތުންނަށް ހަމަލާދީ އަނިޔާކޮށް މިސްކިތުގައި ހުޅުޖަހައި މުސްހަފުތައް ވެސް އަންދާލާފައެވެ. އެ ހަމަނުޖެހުންތަކުގައި 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އިޒްރޭލުގެ ސިފައިން މަސްޖިދުލް އަޤްޞާއަށް ވަދެ މިސްކިތުގައި ނަމާދަށް ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދީފައިވަނީ ރަބަރު އުންޑައާއި، ސްޓަން ގްރެނޭޑް އަދި ޓިއަރ ގޭސް ބޭނުންކޮށްގެންނެވެ.

އިޒްރޭލާ ފަލަސްތީނުގެ މަޝްރަހު ވަރަށް ބޮޑަށް ހޫނުވެ އިޒްރޭލް ސިފައިންނާއި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރާ ހަމާސް ޖަމާއަތާއި ދެމެދު މިހާރު ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންނެވެ. އިޒްރޭލުން ގާޒާގެ ސަރަހައްދަށް އިއްޔެ ދިން ވައިގެ ހަމަލާ ތަކުގައި ފަލަސްތީނުގެ 21 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

މަސްޖިދުލް އަޤްޞާގައި އިޒްރޭލުގެ ސިފައިން ހިންގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް ގޮވާލި ގޮވާލުމަށް އިޖާބަ ނުދިނުމުން ހަމާސް ޖަމާއަތުން ވަނީ އިޒްރޭލަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި އިޒްރޭލްގެ ސިފައިންނާއި އެގައުމުގެ އާންމުންނަށްވެސް ވަނީ އަނިޔާވެފައެވެ. އިޒްރޭލްގެ ހައްދު ފަހަނައަޅާފައިވާ ލާ އިންސާނީ އަމަލުތަށް އިސްލާމީ ބައެއް ގައުމުތަކުން ދަނީ ކުށްވެރިކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން