ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު އިތުރު ފަރުވާއަށް ޖަރުމަން ވިލާތަށް ގެންދިޔުމުގެ މަސައްކަތް އާއިލާއިން ފަށައިފިއެވެ.

ރައީސް ނަޝީދުގެ އާއިލާއިން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެރޭ އައިއީޑީއެއް ގޮއްވާލައިގެން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް އެމަނިކުފާނަށް އިތުރު ފަރުވާ ދިނުމަށް ޖަރުމަން ވިލާތަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ. ރައީސް ނަޝީދު ބޭރަށް ފޮނުވޭނެ ތާރީހެއް މިއަދު އިރުއޮއްސެން ވާއިރަށް ހަމަޖެއްސޭނެ ކަމަށް އާއިލާއިން ވިދާޅުވެފައި ވެއެވެ.

"ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު، ގޮނޑީގައި ވެސް މިހާރު އަމިއްލަފުޅަށް އިށީނދެވޭ، ވީހާ ވެސް އަވަހަކަށް ރައީސް ނަޝީދު އެކޮޅަށް (ޖަރުމަނަށް) ގެންދެވޭތޯ އަޅުގަނޑުމެން މަސައްކަތް މިކުރަނީ." މީޑިޔާ އަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދުގެ ބޭބެ ޑރ. އިބްރާހިމް ނާޝިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަރަށް ރަނގަޅަށް ރިކަވާ ވަމުން އަންނަ ކަމަށް އެމަނިކުފާނުގެ އާއިލާ އިން ވަނީ ވިދާޅުވެފައެވެ. ރޭޒާ ފުށްތަކަކާއި މީހުންނަށް ގެއްލުންދޭ ޒާތުގެ އެހެން މައުދަންތަކެއް ބޭނުން ކޮށްގެން ހަދާފައިވާ އައިއީޑީއެއް ގޮއްވާލައިގެން ދިން މި ނުރައްކާތެރި ހާދިސާގައި ރައީސް ނަޝީދު ވަނީ ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގެންފައެވެ. ބޮމުގައި ހުރި ރޭޒާ ފުށްތައް ރައީސް ނަޝީދުގެ ހަށިކޮޅު ތެރެއަށް ވަދެފައިވާތީ އެ ތަކެތި ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭއިން ވަނީ ކޮށްފައެވެ. ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން