ރާއްޖޭގައި ކޮވިޑު ބަލިފެތުރޭ މިންވަރު އިތުރުވެ ގިނަ އަދަދެއްގެ ކުޑަކުދިން އެބަލީގެ ޝިކާރައަކަށް ވެފައިވާތީ މިދަނޑިވަޅުގައި ކުޑަކުދިންނާއި ތުއްތުކުދިން ކޮވިޑުން ރައްކާތެރިކުރަން މަސައްކަތްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަަށް ޔުނިސެފުން ގޮވާލައިފިއެވެ.

ރާއްޖޭގައި ކޮވިޑުގެ ޙާލަތު އިންތިހާއަށް ގޯސްވެ ބަލި ޖެހޭ މީހުންގެ ނިސްބަތް ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު 700 އިން މައްޗަށް ވަނީ އަރާފައެވެ. މީގެއިތުރުން، ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާމީހުންގެ ތެރޭގައި އުމުރުން 10 އަހަރުން ދަށުގެ 80 ކުދިން އެވަރެޖްކޮށް ކޮވިޑަށް ޕޮޒިޓިވްވަމުންދާކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުން ދައްކާގޮތުގައި އިއްޔެގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ރާއްޖޭގައި ކޮވިޑް ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި 18 އަހަރުން ދަަށުގެ 238 ކުއްޖަކު ހިމެނެއެވެ.

ރާއްޖޭގައި ގިނަ އަދަދަކަށް ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވްވަމުންދާ މައްސަލައިގައި ކަންބޮޑުވުންފާޅުކޮށް، ކުޑަކުދިންނާއި ތުއްތުކުދިން ކޮވިޑުން ރައްކާތެރިކުރަން މަސައްކަތްކުރުމަށް ޔުނިސެފުން ވަނީ ގޮވާލާފައެވެ. ހާއްސަގޮތެއްގައި ކޮވިޑުން ރައްކާތެރިވުމަށް ކުޑަކުދިންނަށް ހާއްސަ ވެކްސިނެއް ނެތުމުން އެކުދިންގެ ރައްކާތެރިކަމަށް ބޮޑެތި މީހުންނަށް ބަރޯސާ ވާކަން ޔުނިސެފުން ވަނީ ފާހަގަކޮށްފައެވެ.

"ރާއްޖޭގައި އުމުރުން 10 އަހަރުން ދަށުގެ 80 ކުދިން އެވަރެޖްކޮށް ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވަމުންދޭ. މީގެތެރެއިން 4 ނޫނީ 5 ކުދިންނަކީ އުމުރުން އެއްއަހަރުވެސް ނުވާ ތުއްތުކުދިން. ކޮވިޑުން ރައްކާތެރިވުމަށް ކުޑަކުދިންނަށް ހާއްސަ ވެކްސިނެއް ނެތުމުން އެކުދިންގެ ރައްކާތެރިކަމަށް ބަރޯސާ ވަނީ އަހަރުމެން ބޮޑެތި މީހުންނަށް. އަހަރުމެން އެބަޖެހޭ އެކުދިން ރައްކާތެރިކޮށްދޭން މަސައްކަތްކުރަން." ޔުނިސެފް މޯލްޑިވްސްއިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވެއެވެ.



މުޅި ރާއްޖޭގައި ކޮވިޑް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވަމުންދާއިރު މާލެ ސަރަހައްދުގައި ބައްޔަށް ޕޮޒިޓިވްވަމުންދާ މީހުންގެ އަދަދުތައް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. މިގޮތުން މާލެ ސަރަޙައްދުގައި ކޯވިޑަށް ޓެސްޓް ހަދާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުން ބައްޔަށް ޕޮޒިޓިވްވަމުން އަންނައިރު، އިއްޔެގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މުޅި ރާއްޖޭގައި ކޮވިޑް ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ ދިހަހާހުން މައްޗަށް އަރާފައެވެ. މީގެތެރޭގައި ގިނަ ކުޑަކުދިންތަކެއް ހިމެނޭކަމަަށް އެޗްޕީއޭއިންވެސް ވަނީ ފާހަގަކޮށް ކަންބޮޑުވުންފާޅުކޮށްފައެވެ.

މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ ކާފިއު ހިންގުމާއިއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް މިހާރު ވަނީ ހަރުކަށިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން