ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުވި ބޮމުގެ ހަމަލާއަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު ހޮސްޕިޓަލުގައި އޮންނަވައިގެން ވެސް އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅު ފަށްޓަވައިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުވި ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، މި ޒަޚަމްތަކާ ގުޅިގެން ގިނަ ސާޖަރީތަކެއްވެސް އެމަނިކުފާނު ވަނީ ހައްދަވާފައެވެ.

ފަރުވާއަށްފަހު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާއި ޕާޓީގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށް ހަބަރުތައް ބުނެއެވެ.

ރައީސް ނަޝީދުގެ ބޭބޭފުޅު އިބްރާހީމް ނާޝިދު ވިދާޅުވީ ނަޝީދުގެ ހާލުކޮޅު ރަނގަޅުވަމުން އަންނައިރު، އެމަނިކުފާނުގެ ކުރިއަށް ހުރި މަސައްކަތްޕުޅުތައް ކުރިއަށް ގެންދަވާނެ ގޮތެއް ރާއްވަވަމުން ގެންދަވާކަމަށެވެ. އެގޮތުން ވަރަށް ގިނަ މީހުންނަށް ވަރަށް ގިނަ މަސައްކަތްތައް އެބަހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އިވާ އަބްދުﷲ ވިދާޅުވީ އެކަމަނާވެސް މަޖިލީހުގެ މަސައްކަތްތަކާއި ބެހޭގޮތުން ރައީސް ނަޝީދާއި މަޝްވަރާކުރެއްވިކަމަށެވެ. އަދި ވަކި މަސައްކަތެއް ނުބަލާ ހުރިހާ މަސައްކަތަކަށް އިސްކަންދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަތްކަމަށް އީވާ ވިދާޅުވިއެވެ.



މަޖިލީހުގެ ނާއިބު ރައީސްގެ އިތުރުން، އެމްޑީޕީގެ އިސްވެރިންނާވެސް ރައީސް ނަޝީދުވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭގެތެރޭގައި އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ހިމެނިވަޑައިގަންނަވައެވެ.



ރައީސް ނަޝީދުގެ ހާލުކޮޅު މަޑުމަޑުން ރަނގަޅުވަމުން އަންނައިރު، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް އެމަނިކުފާން ފޮނުވަން އާއިލާއިން ދަނީ ތައްޔާރުވަމުންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާއިރު، އެމައްސަލައާ ގުޅިގެން މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން