އައްޑޫ ސިޓީ ހިތަދޫގައި އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން ހިންގަމުން އަންނަ ފްލައިންގ ސްކޫލްގެ މައްސަލަތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މުހިއްމު ނިންމުންތަކެއް ނިންމަވައިފިއެވެ.

އައްޑޫގައި ހިންގަމުން އަންނަ ފްލައިންގ ސްކޫލްގައި، ބޭނުންވާ މިންވަރަށް ވަސީލަތްތައް ނެތުމުގެ ސަބަބުން އެތައް ދަރިވަރުންނެއްގެ ކިޔެވުން ހުއްޓި، އެކަމާއި ގުޅިގެން ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އަދި އެކަމާއި ގުޅޭގޮތުން ދައުލަތުގެ ގިނަ މުއައްސަސާތަކަށް ވަނީ މައްސަލަތައްވެސް ހުށަހަޅާފައެވެ. އޭގެތެރޭގައި ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލިސްވެސް ހިމެނެއެވެ.

މިމައްސަލައިގައި ރައީސް ޞާލިހު އެންމެ ފަހުން ނިންމެވި ނިންމެވުން ހާމަ ކުރަށްވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އައްޑޫ ފްލައިން ސްކޫލްގެ މައްސަލައިގައި ރައީސް ސާލިހު ނިންމެވުންތަކެއް ނިންމަވާފައިވާކަމަށެވެ. އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޯޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެ ތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިންގއާއި އެކައުންޓެބަލް މެނޭޖަރގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޯޑިޓެއް ހަދައި، އިހުމާލުވެފައި ވާ ނަމަ، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްވެސް ރައީސް ވަނީ އަންގަވާފައެވެ.



މީގެއިތުރުން ބެންކް އޮފް މޯލްޑިވްސްއިން ދަރިވަރުން ނަގާފައިވާ ލޯނުތަކަށް އިންޓްރެސްޓް އަރަމުންދާތީ، އެ ލޯނުތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.



އައްޑޫ ސިޓީ ހިތަދޫގައި އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން ހިންގަމުން އަންނަ ފްލައިންގ ސްކޫލްގެ މައްސަލަ ބޮޑުވެގެން ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް ސަރުކާރުން މީގެކުރިންވެސް ވަނީ އަންގާފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ކަމެއް ރަނގަޅުނުކުރާތާނގައި، ދަރިވަރުންނަށް ޖެއްސުން ކުރުމުގެ އަމަލުތަކާއި ފިޔަވަޅު އެޅުމުގެ އަމަލުތައް އެ ސްކޫލުން ވަނީ ފެނިފައެވެ.



ކިޔުންތެރިންގެ ހިޔާލު