މާލޭ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން އެޗްޕީއޭ އިން މަނާކޮށްފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، މާލެ ހިމެނޭ ސަރަހައްދުގައި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން މިއަދުން ފެށިގެން މަނާކޮށްފައިވާ ކަމަށެވެ. އަދި މިހާރުން ފެށިގެން ފުރަބަންދުގެ ހާލަތަކަށް ގޮސްދާނެ ކަމަށް ބަލައި ތައްޔާރުވެގެން ތިބުމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

ފުލުހުންގެ އެންފޯސްމަންޓް ވަރުގަދަކޮށް މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރު ކުރަން ނިންމާފައިވާ ކަމަށާއި، އޭގެ ބޭނުމަކީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ވީހާވެސް ބޮޑަށް ތަންފީޒު ކުރުން ކަމަށް މަބުރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ލޮކްޑައުންއަކަށް ރާއްޖެ ގޮއްސި ހާލަތެއްގައި ތައްޔާރުވެގެން ތިބުމަށްޓަކައި އެކަމަށް ބޭނުންވާ އެންމެހާ ކަންކަން ރާވާ އިންތިޒާމު ކުރުމުގެ މަސައްކަތް އެޗްޕީއޭއާ ހަވާލު ކުރެވި އެ އެޖެންސީން އެ މަސައްކަތް މިހާރު ފަށާފައިވާ ކަަމަށް މަބުރޫކް ވިދާޅުވިއެވެ.

"މިހާރުން ފެށިގެން ފުރަބަންދުގެ ހާލަތަކަށް ރާއްޖެ ގޮސްދާނެ ކަމަށް، ގޮއްސި ހާލަތެއްގައި ތައްޔާރުވެގެން ތިިބުމަށްޓަކައި އެކަމަށް ބޭނުންވާ އެންމެހާ ކަންކަން ރާވާ އިންތިޒާމު ކުރުމަށް އެޗްޕީއޭއިން މިހާރު ވަނީ އެ މަސައްކަތް ފައްޓާފައި". މަބްރޫކް ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފެށިގެން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނުކުމެ އުޅުން މަނާކޮށް ކާފިޔު ހިންގާފައެވެ. މިފިޔަވަޅުތައް އަޅަން ނިއްމާފައިވަނީ ހަފްތާއެއްގެ މުއްދަތަށެވެ. އެގޮތުން މާދަމާއިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން