އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ސިފައިން ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުށްވެރިކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ އިޒުރޭލުގެ އަމަލުތަކަކީ ބައިނަލްއަގްވާމީ އުސޫލުތަކާއި ހިލާފު އަމަލުތަކެއް ކަަމަށެވެ. އެ ގައުމުގެ ހައްދުފަހަނައެޅި އެ އަމަލުތައް ކުށްވެރިކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމަށެވެ.



މި ސަރުކާރުން އެކި ފަހަރު މަތިން އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް އެ އަމަލުތަކާއި ދެކޮޅު ހަދައި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ތާއީދު ހާމަކުރަމުން ގެންދެއެވެ. އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް ސޯލިހު ދެއްވި ތަގުރީރުގައި ފަލަސްތީނާ، އިޒްރާއީލުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހް ވިދާޅުވެފައިވަނީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރަން އދ. ގެ މެންބަރު ގައުމުތައް ނުކުޅެދިފައިވާކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ގެއްލި އެތައް އަހަރުތަކެއް ފާއިތުވެގެން ދާއިރު، އެ މައްސަލަ ހައްލު ނުކުރެވި އޮތުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ދެމިތިބޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. ފަލަސްތީނަށް މިނިވަން ކަން ލިބެން ޖެހޭނެ ކަމަށާއި ގުދުސް އަކީ ފަލަސްތީންގެ ވެރިރަށުގެ ގޮތުގައި އޮތުމަށް ރާއްޖެއިން ކުރާ ތާއިދު އަބަދުވެސް އެގޮތުގައި އޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު މީގެ ކުރިން ވަނީ ދެއްވާފައެވެ.

މުސްލިމުންގެ ތިންވަނަ ހަރަމްފުޅު އަދި ފުރަތަމަ ގިބްލަ ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްޞާގައި އަޅުކަން ކުރުމަށް ދާ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދިޔަ އުދުވާން ތަކާއި ގުޅިގެން ފަލަސްތީނުގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެމައްސަލައިގައި އިޒްރޭލުގެ ޔަހޫދީ ސިފައިންނާއި ހަމާސް ޖަމާއަތާއި ދެމެދު ދަނީ ވަރުގަދަ އަށް ހަމަލާތަށް ބަދަލު ކުރަމުންނެވެ. އިޒްރޭލުން ޣަައްޒާގެ އެކިތަންތަނަށް ވައިގެ މަގުން ބޮންއަޅައި ހަމަލާތައް ދެމުންދާއިރު ހަމާސް ޖަމާއަތުން ވެސް ގެންދަނީ ހުއްޓުމެއް ނެތި އިޒްރޭލަށް ވަރުގަދަ ރޮކެޓް ހަމަލާތައް ދެމުންނެވެ. އިޒްރޭލުން ފަލަސްތީނުގެ އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ދެމުން ގެންދާ ހަމަލާ ތަކުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ޝާހީދުވެފައެވެ. މީގެ ތެރޭހައި ގިނަ އަދަދެއްގެ ތުއްތުކުދީން ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން