އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންކަމަށް ބުނާ ލިސްޓުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ ނަން ހިމެނިފައިވާކަން ހާމަވެއްޖެއެވެ.

މިރޭ ލީކް ކޮށްލާފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓުގައި ބުނެފައިވާގޮތުން ސައީދަށް ޖުމުލަ 8،308،400 (އަށް މިލިއަން ތިން ލައްކަ އަށްޑިހަހާސް ހަތަރު ސަތޭކަ) ރުފިޔާ ލިބިފައިވެއެވެ. މިލިސްޓްގެ ސައްހަކަން އަދި ކަށަވަރު ކުރެވިފައި ނުވި ނަމަވެސް މިލިސްޓަކީ ހަގީގަތާ ޚިލާފު ލިއުމެއްކަން ކަމާބެހޭ ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެއީ ސައީދު ޕާޓީ ބަދަލުކުރުމަށް ދީފައިވާކަމަށް އަދީބު ބުނާ 8 މިލިއަން ރުފިޔާއަކާއި 2015 ވަނަ އަހަރު ސައީދު ދިރިއުޅޭ ގެ ކައިރިން 20،000 ޑޮލަރު ދިން ކަމަށް މުހައްމަދު ހުސައިން (އޮއިއްޓޭ) ބުނެފައިވާ ބުނުން ކަމަށް ލީކް ކޮށްލާފައިވާ ލިޔުންތަކުގައިވެއެެވެ. މާވަށު ދާއިިރާގެ މެމްބަރު މުހަންމަދު ސައީދު މިއަދު ވިދާޅުވީ އުނި އިތުރު ނުގެނެސް އެމްއެމްޕީއާރްސީގެ ލިސްޓު އާންމުކުރަންޖެހޭ ކަމަށާއި ބޭނުން ނަމެއް އިތުރުކޮށް އަދި އުނިކޮށް ހެދުން އެއީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ މިފަހުން ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަން ފާހަގަކޮށްލެވެއެވެ. އެ މައްސަލަ ތަހުގީގުކޮށް އެ ފައިސާގައި ޖެހިފައިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މި ސަރުކާރުން ވަނީ ވައުދުވެފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އެމްޑީޕީގެ އިސްވެރިިންނަށް ލިބިފައިވާ ކަމަށް ބުނާ ލިޔުންތަކެއް މިރޭ ވަނީ ލީކް ކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން