Hiyaanaathuge list : Auditor General ge nan'fulhuves ebaoiy
Hiyaanaathuge list : Auditor General ge nan'fulhuves ebaoiy
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި އޮޑިޓަރ ޖެނަރަލް ހަސަން ޒިޔަތު ވެސް ހިމެނޭކަން ހާމަވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާއިރު، އެ ލިސްޓުގައި ހިމެނޭ މީހުންގެ މައްސަލަތައް ބަލާ، މަގާމުތަކުން ވަކިކުރަން އެމްޑީޕީން ވަނީ ނިންމާފައެވެ.

ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ މީހުންގެ ލިސްޓެއް އާއްމުވެފައިވާއިރު، އެ ލިސްޓުގައި ދައުލަތުގެ އެންމެ އިސްވެރިން ފެށިގެން އެންމެ އާދައިގެ މަގާމުތަކުގައި ތިބި ގިނަ ބަޔަލުވެސް އެލިސްޓުގައި ހިމެނެއެވެ.

މި ލިސްޓުގައި ހިމެނޭ ބޭފުޅުންގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒިޔަތުގެ ނަންފުޅުވެސް އެބައޮތެވެ. އެ މަނިކުފާނަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އެންމެ ފުރަތަމަ އޮޑިޓް ކުރެއްވި އޮޑިޓަރ ޖެނެރަލެވެ. އޭގެ ކުރިން ހުންނެވި އޮޑިޓަރ ޖެނަރަލް ނިޔާޒަކީ އެކަން ފަޅާއަރުވާލުމުގައި އުޅުއްވި ފުރަތަމަ ފަރާތެކެވެ. އެމައްސަލަ ފުރަތަމަ ހިލުވާލައި ސަރުކާރުގެ އެންމެ އިސް ވެރިޔާގެ ސަމާލުކަމަށް މައްސަލަ ގެންނެވީ ވެސް ނިޔާޒެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތަށް ފައިސާދިންކަމަށް އަދީބު ވިދާޅުވެފައިވާއިރު، އެއީ ޒިޔަތުގެ ކެމްޕެއިނަކަށް ދެއްވި ފައިސާކަމަށް އަދީބު ވިދާޅުވެފައިވެއެވެ. ނަމަވެސް ދެއްވީ ކިހާ އަދަދެއްގެ ފައިސާކަމެއް ވިދާޅުވެފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެއީ 2014 ވަނަ އަހަރު މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދާއިރާއަށް ޒިޔަތު ވާދަކުރެއްވި ކެމްޕެއިނަށްވުން އެކަށީގެންވެއެވެ. އަނެއްކޮޅުން ހަސަން ޒިޔަތަކީ އެމްއެމްްޕީއާރުސީ ބޮޑު ހިޔާނާތުގައި އިސްކޮށް އުޅުނު އެމްއެމްްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދު ﷲ ޒިޔަތުގެ ކޮއްކޮއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ މައްސަލަ އަނެއްކާވެސް ބޮޑުވެގެން މިއުޅެނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ކަމަށް އެއްބަޔަކު ބުނެއެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކަށް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ވެސް ވަނީ ހަދާފައެވެ.



ކިޔުންތެރިންގެ ހިޔާލު