ރަޝިއާގެ އުފައްދާފައިވާ ކޯވިޑް-19 ގެ ދިފާޢީ ވެކްސިން، "ސްޕަޓިނިކް ވީ" ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ދީފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުނީ މި ހުއްދަ ދީފައިވާނީ މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށާއި، އުމުރުން 18 (އަށާރަ) އަހަރުން މަތީ މީހުންނަށް ވެކްސިން ޖެހުމަށެވެ. މިއީ ރާއްޖޭގައި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ހަތަރު ވަނަ ވެކްސިނެވެ.

ދިވެހިރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާ އެކުއެވެ.

މިވެކްސިން އުފައްދަނީ ރަޝިއާގެ ކުންފުންޏެއް ކަމަށްވާ "ދަ ގަމާލޭޔާ ނޭޝަނަލް ސެންޓަރ އޮފް އެޕިޑާރމަލޮޖީ އެންޑް މައިކްރޯބައޮލޮޖީ" އިންނެވެ. އަދި މިވެކްސިނަކީ 66 ގައުމެއްގައި މިހާރުވެސް އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެކެވެ.

މިވެކްސިން ބަހައްޓަންޖެހެނީ 0°18- ގެ ފިނިހޫނުމިނެއްގައެވެ. އެހެން ކަމުން އެއޮތޯރިޓީން މިވެކްސިނަށް ހުއްދަ ދީފައިވަނީ، ވެކްސިން ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި، ވެކްސިން އެތެރެ ކުރުމަށްފަހުގައްޔާއި، އަދި އެހިފާގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައިވެސް ވޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްފައެވެ. އަދި އެމް.އެފް.ޑީ.އޭ.އާއި މިނިސްޓްރީ އޮފް ހެލްތް އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން މި ވެކްސިންގެ ހުރިހާ މަރުހަލާއެއްގެ ކަންކަން ވަރަށް ގާތުން މޮނިޓަރކުރަމުން ގެންދާނެކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ.

ޢާންމު ގޮތެއްގައި ކޮންމެ ވެކްސިނަކީ ވެސް، އެ ވެކްސިންއެއް ބޭނުންކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ "ރިއެކްޝަން" އެއް އައުމުގެ ފުރުޞަތު އޮންނަ އެއްޗެއްކަމަށާއި، މި ވެކްސިން މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން އެއޮތޯރިޓީއާއި މިނިސްޓްރީ އޮފް ހެލްތް އަދި އެޖެންސީ (އެޗް.ޕީ.އޭ) ގުޅިގެން ގާތުން ބަލަމުން ގެންދާނެކަމަށްވެސް އެފްޑީއޭ އިން ބުނެއެވެ.

ރާއްޖޭގައި ސްޕަޓިނިކް ވީ ވެކްސިން ދިނުމަށް ހުއްދަ ދީފައިވާއިރު، ކޮވިޝީލްޑް، ސިނަފޯމް، ފައިޒާ ވެކްސިން ވެސް ވަނީ ރާއްޖޭގައި ދިނުމަށް ހުއްދަ ދީފައެވެ. ނަމަވެސް ވެކްސިން ލިބުމުގައި މިވަގުތު ދަތިތަކެއް ހުރިކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން