އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން ހިމަނާފައިވަނީ އަބުރު ކަތިލުމުގެ ގޮތުން ކަމަށް އައްޑޫ ސިޓީގެ އިންތިހާބީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް އާންމުކުރިއިރު އެ ލިސްޓުގައި ނިޒާރުގެ ނަން އެބައޮތެވެ. ކުރިން އާންމުވެފައިވާ ލިސްޓުން ފެނިފައިވާ ބައެއް ނަންތައް މަޖިލީހުން ނެރުނު ލިސްޓުން އުނިވެފައިވީ ނަމަވެސް ނިޒާރުގެނަން އެލިސްޓުން އުނިވެފައެއް ނުވެއެވެ. ނަމަވެސް ލީކްވެގެން އުޅޭ ލިސްޓުގައިވާ ވަކި ބައެއްގެނަންތައް އެލިސްޓުން އުނިވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.



އެކަމާ ގުޅިގެން އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރު ނިޒާރު ވިދާޅުވީ އޭނާގެ ނަން ހިމަނައި މަޖިލީހުން ނެރެފައިވާ ލިސްޓަކީ އަބުރު ކަތިލަން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. އަދި "އިންފޮމޭޝަން ކަލެކްޝަން" ޖަހައި ވަގެއް ކަމަށް ނިންމައި މީހުން ބަދުނާމު ކުރެވިގެން ނުވާނެ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.



"ފެއިލް ވެފައިވާ ދައުލަތެއްގެ ސިފަ ސާފު ވަމުން މިދަނީ" ނިޒާރު ވިދާޅުވިއެވެ.

ހިޔާނާތުގެ ލިސްޓުގައި ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލަރު އިބްރާހިމް ޝުޖާއުގެ ނަން ވެސް ވަނީ ހިމަނާފައެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން 119 މީހުންނަކީ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުންކަމަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓް ދިރާސާކުރާ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ނެރުނު ރިޕޯޓްގައި ވަނީ ބުނެފައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތު ކުރާ 282 މީހުންގެ ނަން ލިސްޓްގައި ވަނީ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން