އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ނުވަތަ އެކަމުގައި ބައިވެރިވި މީހުންގެ ލިސްޓެއް މަޖިލީހުން އާއްމުކޮށްފައިވާއިރު، އެލިސްޓުގައި މީޑިއާގައި މަސައްކަތްކުރެއްވި އަދި ކުރަމުންދާ ބައެއް ފަރާތްތަކުގެ ނަންތައް ހިމެނިއްޖެއެވެ.

މަޖިލީހުން އާއްމުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ނުވަތަ އެއިން މަންފާ ލިބުނު މީހުންގެ ލިސްޓުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން އެންމެ އާދައިގެ މަޤާމުތަކުގައި ތިއްބެވި ފަރާތްތައް ހިމެނެއެވެ. އަދި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ބޭފުޅުންވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ލިސްޓުން ތަފާތު ދާއިރާތަކުގެ ބޭފުޅުންގެ ނަންތައް ހިމެނިފައިވާއިރު، ލިސްޓުގައި ހިމެނޭ މީޑިއާގެ ފަރާތްތަކަކީވެސް ފާހަގަކޮށްލަން ޖެހޭ ފަރާތްތަކެކެވެ. އެގޮތުން މީޑިއާގެ އިސް މަޤާމްތަކާއި އާދައިގެ މަޤާމުތައް އަދާކުރެއްވި ބައެއް ބޭފުޅުންގެ ނަންތައް މަޖިލީހުން އާއްމުކުރި ލިސްޓުގައި ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ނުވަތަ އެކަމުން މަންފާ ލިބުނުކަމަށް ބުނާ މީހުންގެ ލިސްޓުގައި ހިމެނޭ މީޑިއާގެ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ މީޑިއާއާއި އަމިއްލަ މީޑިއާތަކުގެ ބޭފުޅުންވެސް ހިމެނެއެވެ. އޭގެތެރޭގައި ޕީއެސްއެމްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް، އެކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމް ހިމެނެއެވެ. މީގެއިތުރުން މަޝްހޫރު ޓީވީ ޕްރެޒެންޓަރ އަދި ނޫސްވެރިއާ އައިޝަތު ލީޒާއާއި، ދި އެފްގައި އިސްކޮށް އުޅުއްވި މަސްއޫދު ހިލްމީ ހިމެނެއެވެ.

މީގެއިތުރުން މީޑިއާގެ ދާއިރާއިން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތް ދިޓީވީގެ ކުރީގެ ޕްރެޒެންޓަރ މުހައްމަދު އަމީތާއި، ޓީވީއެމްގައި މަސައްކަތްކުރެއްވި އަދި ކުރީގެ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީގެ ނަންވެސް މިލިސްޓުގައި ހިމެނެއެވެ. ކުރީގެ މަޖިލިސް މެމްބަރު އަދި އަވަސް އޮންލައިންގެ އިސް ހިއްސާދާރު، އަބްދުﷲ ސިނާނާއި އެމްވީ ކްރައިސިސްގެ ނަމުގައި ސޯޝަލް މީޑިއާ ނިއުސް ޕްލެޓްފޯމްތައް ހިންގާ އަހުމަދު އަޝްރަފް ނުވަތަ އާއްމު ނަމުންނަމަ ޝުމްބާ ގޮންގެ ނަންވެސް މި ލިސްޓުގައި ހިމެނެވެ.

މީޑިއާގެ ފަރާތްތަކުގެ އިތުރުން، ރައްޔިތުންގެ މެދުގައި މަޤްބޫލް ބައެއް އެހެން ދާއިރާތަކުގެ ބޭފުޅުންގެ ނަންތައްވެސް މިލިސްޓުގައި އެބައޮތެވެ. އޭގެ ތެރޭގައި ފިލްމީ ފަންނާނުންނާއި، ކުޅިވަރު ކުޅުންތެރިން ހިމެނެއެވެ.

މަޖިލިސް ކޮމެޓީން ނިންމާފައިވަނީ، އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކުރާއިރު، އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިއްމު ފިޔަވަޅުތައް އެޅުމަށެވެ. އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަޤާމުތަކުގައި ތިއްބެވި މީހުންގެ ތެރެއިން މަގާމުން ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ހުރި މަޤާމަކުން ވަކިކުރުމަށް ފެންނަކަމަށް ވެސް ކޮމިޓީން ނިންމާފައި ވެއެވެ. އަދި އިންތިޚާބީ މަޤާމުތަކުގައި ތިބި ފަރާތްތައް މަޤާމުން ވަކި ކުރެވޭނީ އެ ފަރާތެއް އަމިއްލައަށް އެ މަޤާމުން އިސްތިއުފާދިނުމުން ނުވަތަ ޝަރުޢީ ޙުކުމަކުންކަމަށްވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް ފެންނަކަމަށް މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން