ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އެމައްސަލައިގައި މިހާރު ހައްޔަރުކޮށްފައިވާ 3 މީހުންނާއި ހަމައިން ނިމޭނެކަމަށް ދެކެވަޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.

އީދުގެ މުނާސަބަތުގައި ގައުމާއި މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިހު ވިދާޅުވީ މިއަހަރުގެ ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުވިއިރު، މުޅި ޤައުމު މިވަނީ ކުއްލި ސިހުމެއްގެ ތެރޭގައިކަމަށެވެ. އެގޮތުން މިމަހުގެ 6 ވަނަ ދުވަހުގެ ރޭ އިރާކޮޅު، ރައީސް މުޙައްމަދު ނަޝީދަށް ސީދާ އަމާޒުކޮށް، މާލޭގައި ދިން ބޮމުގެ ނުރައްކާތެރި ޙަމަލާއަކީ، އަޅުގަނޑުމެންގެ ހިތްތަކަށް ބިރުވެރިކަމާއި، ނުތަނަވަސްކަން ނިހާޔަތަށް ވެރިކުރުވި ޓެރަރިސްޓް ޙަމަލާއެއްކަމަށް ރައީސް ވިދާޅުވިއެވެ.

"މި ޙަމަލާގައި ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންނެވި، ރައީސް ނަޝީދަށް އަވަސް ޝިފާއެއް ދެއްވައި، އެމަނިކުފާނަށް ފުރިހަމަ ޞިއްޙަތެއް ދެއްވުން އެދި ދުޢާކުރަން. އަދި މިނުރައްކާތެރި ޙަމަލާގައި ޒަޚަމްވި ސިފައިންގެ ބޭކަލުންނަށާއި، އަދި އެކި ގޮތްގޮތުން އަނިޔާ ލިބުނު އެންމެންނަށް، މާތް ﷲ އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައީސް ނަޝީދަށް ދިން، ޙަމަލާއަކީ، އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ޢަމަލެއް ނޫންކަމަށެވެ. އަދި އެއްވެސް މީހެއްގެ ފުރާނަ ދުއްވައިލުމަށް ޙަމަލާއެއް ދިނުމަކީ، ކުޑަވެސް އިންސާނިއްޔަތުކަމެއް ހުރި މީހަކު ކުރާނެ ކަމެއް ނޫންކަމާއި އެޒާތުގެ ޢަމަލުތަކުން، އެބަޔަކު ބޭނުންވާ އެއްވެސް މަޤްޞަދެއް، މާތް ﷲގެ އިރާދަފުޅުން މި ފަސްގަނޑުގައި ޙާޞިލެއް ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މާތް ﷲގެ މަދަދާއި ވާގިފުޅާއެކު، ޤާނޫނުތައް އެފަދަ މީހުން ވަށައިލާނެ. ޢަދުލު އިންޞާފު އަރައި ހަމަކުރާނެ. އެ ޙަމަލާ ދިނުމުގައި ބައިވެރިވި ކަމަށް، މިހާތަނަށް ފާހަގަކުރެވުނު ތިން މީހަކު، މާތް ﷲގެ އިރާދަފުޅުން މިހާރު އެތިބީ، ޤާނޫނުގެ ބާރުގެ ދަށަށް ގެނެވިފައި. މިނިވަން ތަޙުޤީޤަކަށްފަހު، އިންޞާފުގެ ކުރިމައްޗަށް އެމީހުން ގެނެވޭނެ. އެމީހުން އެކުރި ޢަމަލުތަކަށް އެމީހުން ޒިންމާދާރު ކުރުވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ހަމައެކަނި، މި ތިން މީހުންނާ ހަމައިން ނިމޭނެ ކަމެއްކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ. އަދި މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި، އެބަޔަކުވެސް އިންޞާފުގެ ކުރިމައްޗަށް ގެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިފަދަ ދަށު ދަރަޖައިގެ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން، އަޅުގަނޑުމެންގެ އިޖުތިމާޢީ ގުޅުންތަކަށްވެސް ވަރަށް ބޮޑަށް އެބަ އަސަރު ކުރޭ. މުޖުތަމަޢުގެ ހަމަޖެހުމާއި އުފާވެރިކަން ގެއްލިގެން އެބަދޭ. ޢީދު ފާހަގަކުރުމަށް، އިސްލާމްދީނުގައި ކަނޑައަޅުއްވާފައި ހުރި ކަންކަމަށް ބަލާއިރު މުޅިންވެސް ފެންނަނީ، އެއް މުސްލިމަކު އަނެއް މުސްލިމަކަށް، އަދި އެއް އިންސާނަކު އަނެއް އިންސާނަކަށް، އޯގާތެރިވުމާއި އެހީތެރިވުމާއި، ހިތްހެޔޮކަން ފާޅުކުރުމާއި، އުފާވެރިކަމާއެކު ބައްދަލުކުރުމަށް މަގުފަހިކޮށްދޭ ކަންކަން" ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތަހުޤީޤްތައް ކުރިއަށްދާއިރު، އެމައްސަލަ ތަހުޤީޤްކުރަނީ އެންމެ މަތީ އިސްކަން ދެއްވައިގެނެވެ. މިހާތަނަށް 3 މީހަކު މިމައްސަލައިގައި ހައްޔަރުކޮށްފައިވާއިރު، އެމީހުންނާއި ދީނީ ހަރުކަށި ފިކުރާއި ގުޅުން އޮތްކަން ތަހުޤީޤުން މިހާތަނަށް އެނގިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން