ކޯވިޑާއި ގުޅިގެން އަޅަން ފެށި ފިޔަވަޅުތަކަށް ޢަމަލުނުކުރާނަމަ އިތުރު ފިޔަވަޅުތައް އަޅަންޖެހިދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ ޢީދުގެ އުފާތަކަށް އެޅިފައިވާ އެއް ހުރަހަކީ، މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން، މުޅި ދުނިޔޭގައި ފެތުރެމުންދާ، ކޯވިޑް-19ގެ ބަލިމަޑުކަންކަމަށެވެ. އަދި މިބަލިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި، އެތައް ދުވަހަކު ވެރިރަށް މާލެ ފުރަބަންދުގައި ބޭއްވުނުކަމަށާއި އަދި ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިކަން މެދުކަނޑައިލުމުން ބަލި ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް ދަށަށްދިޔަކަމަށެވެ.

"ނަމަވެސް އިޤްތިޞާދަށް ލިބުނު ގެއްލުން އިންތިހާއަށް ބޮޑު. ކޯވިޑް-19ގެ ސަބަބުން، ނިސްބަތުން އެންމެ ބޮޑު އިޤްތިޞާދީ ގެއްލުމެއް ކުރިމަތިވި އެއް ޤައުމަކީވެސް ރާއްޖެ. ހަތަރު މަސްދުވަހުގެ މެދުކެނޑުމަކަށްފަހު، ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިކަން ފަށާފައި ވިޔަސް، އަދިވެސް ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަލި މުޅިން ކޮންޓްރޯލް ނުވިޔަސް، ވިޔަފާރިތައް ހުއްޓި، އާމްދަނީ ހޯދޭނެ ގޮތެއްނެތި، ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން، ލުއިތަކެއް ދޭން ޖެހުނުކަމަށެވެ. އެ ލުއިތަކާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުދެވުމުން، އަނެއްކާވެސް މި ފެންނަނީ ބަލިފެތުރުން އިތުރުވާ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރުގެ ޙާލަތަށް ބަލާއިރު، މި ބައްޔާ ދެކޮޅަށް، އަޅުގަނޑުމެން އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ، ޞިއްޙީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ޙާލަތު ގޯސްވެދާނެ. މިބައްޔަށް މިހާރު މީހުން ފައްސިވާ ނިސްބަތަށް ބަލާއިރު، އިތުރު ފިޔަވަޅުތަކެއް އަޅަން މިވަނީ މަޖުބޫރުވެފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު އަޅަން ފަށާފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމުގައި، ރައްޔިތުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާނެކަމަށެވެ. ރައީސް ވިދާޅުވީ އަދިވެސް ވަގުތު ފާއިތުުނުވާކަމަށާއި އަޅުގަނޑުމެންގެ ފަރުދީ ޒިންމާއަށްވުރެ، މި ބަލި ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ، އެހެން އެއްވެސް ކަމެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު އަޅަން ފެށި ފިޔަވަޅުތަކަށް ރަނގަޅަށް ޢަމަލުނުކޮށްފިއްޔާ، އިތުރު ފިޔަވަޅުތައް އަޅަންޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި އެފަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއްޔާ، މިހާރަށް ވުރެ މާގިނަ ދަތިތައް އަޅުގަނޑުމެންނަށް ކުރިމަތިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް މަސްދުވަހު، ހިތްވަރާއެކު އެންމެން އެކުގައި މަސައްކަތް ކޮށްފިއްޔާ، މިބަލިމަޑުކަމުން އަރައިގަތުމުގެ އަލިމަގު، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް ފެންނާނެ. ރާއްޖެއަށް ބޭނުންވާ މިންވަރަށް، ބޭސްފަރުވާގެ ވަސީލަތްތަކާއި ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތައް ހުރި ނަމަވެސް، އިންސާނީ ވަސީލަތްތައް އެވަރަކަށް ނެތް." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޤައުމީ ޚިދުމަތެއްގެ ގޮތުގައި، ޢާއިލާތަކާ ވަކިން، ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ، ޞިއްޙީ ޚިދުމަތްތެރިންނާއި، ސަލާމަތީ ބާރުތަކުން، އަދި ހިލޭ ސާބަހަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް، ކޯވިޑް ކޮންޓްރޯލް ކުރުމުގައި، ވެވަޑައިގަންނަވާ ޤުރްބާނީ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި އުފާވެރި ފިޠުރު ޢީދުގައިވެސް، އެބޭފުޅުން އެ ކުރައްވާ ދީނީ އަދި ޤައުމީ ޖިހާދުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން