އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ސައްހަ ތަހުގީގެއް ބޭރުގެ އެހީގައި ހިންގަންޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއް ހިމެނޭ ލިސްޓު މިއަދު މަޖިލީހުން އާންމުކުރިއިރު އެލިސްޓްގައި މިހާރު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެކި ޕާޓީތަކަަށް ނިސްބަތްވާ 12 މެންބަރުންގެ ތެރޭގައި ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމްގެ ނަންވެސް ވަނީ ހިމެނެއެވެ.

މިކަމާއި ގުޅިގެން ޝިޔާމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ނަން އެ ލިސްޓުގައި ހިމަނާފައިވަނީ ކުރީގެ ނައިބުރަައީސް އަހުމަދު އަދީބު ޖަލުގައި ތަންފީޒުކުރަންޖެހޭ ހުކުމެއް ގޭގައި ހުރެގެން ތަންފީޒުކުރުމުގެ ބޭނުމުގައި ސަރުކާރާއެކު ހެދި ޑީލްގެ ތެރެއިން ކަމަށެެވެ. އަދީބު ޝިޔާމުގެ ނަން ދީފައިވަނީ ސަރުކާރުން ބޭނުންވާ ގޮތަށް އެ ޑީލުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތެއްކަން އެލިސްޓުގެ ޝިޔާމުގެ ނަން ހިމެނިފައިވާ ކޮލަމްގެ ތަފްސީލުންވެސް ބުނެދޭ ކަމަށެވެ. 

އެތަފްސީލުގައި ބުނެފައިވާ "ކެންޕެއިނަށް އެއް މިލިއަން ޔާމިން ދިންވާހަކަ އަދީބު ބުނެފައިވޭ؛" މި އިބާރާތުން އެއީ ޝިޔާމުގެ އަބުރު ކަތިލާ ސަރުކާރު ޖަވާބުދާރީ ކުރުވަން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ސަރުކާރުން ކުރިކަމެއްކަން ވަރަށް ސާފުކަމަށް ޝިޔާމު ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ސިޔާސީ ދާއިރާއަށް އައީ އިހުލާސްތެރި ކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މަތިވެރި ނިޔަތުގައި ފަސްބައި ސާފު މީހެއްގެ ގޮތުގައި ކަމަށާއި، އެމްއެމްޕީއާރުސީގެ ލޯލާރިއެއްގައިވެސް ޖެހިފަައިނުވާނެކަމަށެވެ.

"އެމްއެމްޕީއާރުސީގެ ލޯލާރިއެއްގައިވެސް އަޅުގަނޑު ޖެހިފައި ނުވާނެ. އަޅުގަނޑަކީ ތަހުގީގީ އިދާރާތަކަށް ކެނޑިނޭޅި އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގުކުރުން އަވަސް ކުރުމަށް ގޮވާލަމުންދާ މީހެއް." ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ޚިޔާނާތުގެ ލިސްޓުން "އެގަހު ކޭލެއް މިގަހު ކޭލެއް،" ވަކިވާވަރެއް ވެސް ނޫން ކަމަށެވެ. ޝިޔާމް ވަނީ ޚިޔާނާތުގެ ލިސްޓް އާންމުކުރިއިރު ބައެއް ނަންތަށް އުނިކޮށްފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ނަންތައް އުފަންވެ ނަންތައް ގެއްލޭ ޒާތުގެ ޖާދުލެއް މިވެރިން އެބަހަދާ، އޭރުވެސް ބުނިން އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް އުފުލީ ބާތިލް ދައުވާއެކޭ، އެމްއެމްޕީއާރުސީގެ ސައްހަ ތަހުގީގެއް ބޭރުގެ އެހީގައި ހިންގަންޖެހޭ." ޝިޔާމް ވިދާޅުވިއެވެ.

 

ޝިޔާމު ވަނީ، ރައްޔިތުންގެ އިތުބާރާއިއެކު ރައްޔިތުން ތަމްސީލުކުރާ މަންދޫބެއްގެ ގޮތުގައި ހުންނަވައިގެން އެރައްޔިތުންގެ އިތުބާރު ގެއްލޭފަދަ އެއްވެސްކަމެއް ކުރިންވެސް މިހާރުވެސް އަދި މުސްތަޤުބަލުގައިވެސް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށެވެ. އެފަދަ އަސްލެއް އަސާސެއް ނެތް ތުޙުމަތަކުން އަޒުމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު