އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތާއި ގުޅިގެން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓްގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތުގެ ނަންވެސް ވަނީ ހިމެނިފައެވެ.

އެކަމާއި ގުޅިގެން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ 2014 ގައި މަޖިލިސް އިންތިހާބުގައި ހުޅުހެންވޭރުދާއިރާއަށް ވާދަކުރެއްވިއިރު ޕީޕީއެމުން އޭނާގެ ކެމްޕޭން ހަރަދުތަކެއް ދެ ފަހަރެއްގެ މަތިން ހަމަޖައްސައިދިން ކަމަށެވެ. އެހެން ނަމަވެސް އެއީ އެމްއެމްޕީއާރުސީއާ ގުޅުން ހުރި ފައިސާއެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ފައިސާ ދިނީ ޕީޕީއެމުން ކަމަށް ޒިޔަތު ވިދާޅުވި އެވެ. ލިސްޓުގައި އޭނާގެ ނަން އޮތްކަން ވެސް އެނގިވަޑައިގަތީ، ލިސްޓު މިއަދު އާއްމުކުރުމުން ކަމަށް ޒިޔަތު ވިދާޅުވިއެވެ. އޭނާގެ ނަން ލިސްޓުގައި އޮތަސް މިހާތަނަށް އެކަމާ ގުޅިގެން ސުވާލެއްކޮށްފައި ނުވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

މަގާމުން އިސްތިއުފާ ދެއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަސަން ޒިޔަތު ފޮނުއްވި ސިޓީގައި ވިދާޅުވީ ދިވެހި ދައުލަތުގެ އޮޑިޓަރު ޖެނެރަލްގެ މަގާމުގައި މިވަގުތު ދެމިހުރުމަކީ ދައުލަތާއި އޮޑިޓަރު ޖެނެރަލް އޮފީހުގެ ކަރަމާތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަމުގައި ދެކެވަޑައިގަންނަވާތީ ތަހުޒީބީ މުޖްތަމައުތަކުގައި އަމަލު ކުރާ އުސޫލުން ދިވެހި ދައުލަތުގެ އޮޑިޓަރު ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

"ދައުލަތުގެ އޮޑިޓަރު ޖެނެރަލްގެ ހައިސިއްޔަތުން އަޅުގަނޑު މަަސައްކަތް ކުރުމުގައި އަދި މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ހިޔާނާތެއް އަދި ރިޝްވަތެއް ނުވަތަ އަޅުގަނޑުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއްގައި އަޅުގަނޑު ބައިވެރިނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ޒިޔަތުގެ ސިޓީގައިވެއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން 119 މީހުންނަކީ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުންކަމަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓް ދިރާސާކުރާ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ނެރުނު ރިޕޯޓްގައި ބުނެފައިވެއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތު ކުރެވޭ 282 މީހެއްގެ ނަން ލިސްޓްގައި ވަނީ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން