ލިސްޓްގައިވާ ނަންތަކުގެ ތެރެއިން މީސްމީޑިއާގައި ދައުރުކުރާ ބައެއް ފަރާތްތައް (ނޯޓް: ފޮޓޯތައް ބޭނުންކޮށްފައި އެވަނީ އެއީ ޚިޔާނާތުގައި ބައިވެރިވާ ބޭފުޅުންކަމަށް މިނޫހުން ނިންމައިގެނެއްނޫނެވެ.)
ލިސްޓްގައިވާ ނަންތަކުގެ ތެރެއިން މީސްމީޑިއާގައި ދައުރުކުރާ ބައެއް ފަރާތްތައް (ނޯޓް: ފޮޓޯތައް ބޭނުންކޮށްފައި އެވަނީ އެއީ ޚިޔާނާތުގައި ބައިވެރިވާ ބޭފުޅުންކަމަށް މިނޫހުން ނިންމައިގެނެއްނޫނެވެ.)
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނެ މަޖިލީހުން އާންމުކުރި "ޚިޔާނަތުގެ ބައިވެރިންގެ" ލިސްޓުގައި ތިއްބެވި ބޭފުޅުން އެކަމުން ބަަރީއަވެ އެބޭފުޅުންގެ މައުސޫމްކަން ހާމަކުރައްވަން ފަށްޓަވައިފިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރެއިން 119 މީހުންނަކީ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުންކަމަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓް ދިރާސާކުރާ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ނެރުނު ރިޕޯޓްގައިވެއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތުކުރާ 282 މީހުންގެ ނަން ލިސްޓްގައި ހިމަނާފައިވެއެވެ.

ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނެ އާންމުކޮށްފައިވާ ލިސްޓްގައި ހިމެނޭ ވަރަށް ގިނަ ބޭފުޅުން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައި އެކަމަށް އިންކާރުކުރައްވާފައެވެ.

ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ އޭނާގެނަން ހިޔާނާތުގެ ލިސްޓުގައި ހިމަނާފައި ވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ކަމަށެވެ. މިއީ ސިޔާސީ ގޮތުން އޭނާގެ އަގުވައްޓާލުމަށްޓަކައި ވަކި ބަޔަކު ކޮށްފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ވެސް މިއަދާ ހަމައަށް އޭނާއާއި ސުވާލުކޮށް އެއްވެސް ބާވަތެއްގެ ތަހުގީގެއް ހިންގާފައި ނުވުމަކީ އެކަމުގެ އަލިގަދަ ހެއްކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި އޭނާގެނަން ހިމަނާފައި ވަނީ އަބުރު ކަތިލުމަށްޓަކައި ކަމަށާއި ޚިޔާނާތުގެ ލޯ ލާރިއެއްގައިވެސް ޖެހިވަޑައިނުގަންނަވާ ކަމަށެވެ.

"މަތި މައްޗަށް ލިސްޓުތަކުގައި ނަން ޖެހިޔަސް ފަހަތަށް ޖެހުމެއް ނެތް." އަދުރޭ ވިދާޅުވިއެވެ.

ކެންދޫ ދާއިރާގެ މެމްބަރުން އަލީ ހުސެއިން  ވިދާޅުވީ، ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލަކަށް ވުމަކީ އޭނާގެ ނަން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ލިސްޓުގައި އޮންނަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އޭނާއަކީ ބޮޑު ޚިޔާނާތުގެ ބައިވެރިއެއް ނޫން ކަމަށާއި އެމްއެމްޕީއާރްސީގެ އެއްވެސް ފައިސާއެއް ލިބިފައި ނުވާނެކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ އަދީބުގެ އެދިވަޑައިގަތުމަކަށް، ރައްޔިތުން މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ތަފާތު އެކި މައްސަލަތަކުގައާއި ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ގާނޫނީ ވަކީލުގެ ހައިސިއްޔަތުން ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އަދީބަށް އެހީތެރިކަން ފޯރުކޮށް ދެއްވި ކަމަށެވެ. އަދި އެކަން ސާބިތުކޮށްދެވޭނެ ހެކި ވެސް އެބަހުރި ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހުމަތުކޮށް ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި ނަން ހިމަނާފައިވަނީ އަބުރު ކަތިލާ ބަދުނާމު ކުރުމުގެ ގޮތުން ކަަމަށެވެ. ޣައްސާނު ވިދާޅުވީ އެއީ "ބުހުތާނު ދޮގު" ކަމަށެވެ. އަދި އެއީ ތަހުގީގެއް ނުކޮށް ހެއްކަކަށް ބެލުމެއްނެތި ހަދާފައިވާ ލިސްޓެއް ކަމަށް ރައީސް މައުމޫންގެ ދަރިކަލުން ޣަައްސާނު ވިދާޅުވިއެވެ.

"ތަހުގީގެއް ނުކޮށް ހެއްކަކަށް ބެލުމެއްނެތި ލިސްޓެއް ހަދާ އަބުރު ކަތިލެވިދާނެ މިއަދު. ހަމަބުނާ ބުނުމަކަށް ނަންޖަހާ ބޮޑެތި ބަދުނާމު އެޅުވުމަކީ އިންސާފުތޯ؟ އެވެސް ތިމާ ހިތްރުހޭ މީހާގެ ނަން އުނިކޮށްފަ." ޣައްސާން ވިދާޅުވިއެވެ.

ހިޔާނާތުގެ ލިސްޓްގައި އޭނާގެ ނަން ހިމަނާ އަބުރު ކަތިލީ ރައީސް ޔާމީނާއެކު ކުރައްވާ މަސައްކަތް ހުއްޓުވައި ބިރު ދެއްކުމުގެ ގޮތުން ކަމަށާއި، އެހެން ނަމަވެސް އެކަން ނުހުއްޓުވޭނެ ކަމަށް ޣައްސާނު ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރާގެ ރިޕޯޓުގައި ބުނާގޮތުން ތުހުމަތު ކުރާ ގިނަ މީހުންގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. ލިސްޓުގައި ހިމެނޭ ގިނަ މީހުންގެ މައުލޫމާތު ގޮޅީގައި ވަނީ "އިންފޮމޭޝަން ކަލެކްޝަން" މިގޮތަށް ލިޔެފައެވެ. މައުލޫމާތު ހޯދަނީ ކަމަށް ބުނެ ބަޔަކު ބޭނުން ބައެއްގެ ނަން ލިސްޓުގައި ޖަހައި ކުރިން ނެރެފައިވާ ލިސްޓުގައި ހުރި ބައެއް ނަންތަކާއި ކުންފުނިތަކުގެ ނަން އުނިކޮށް ހެދުމާއި ތަހުގީގު ނުނިމޭ ލިސްޓެއް އާންމުންގެ ތެރެއަށް އާންމުކުރުމާއި ގުޅިގެން މަޖިލީހުގެ އިދާރާއާއި އެސެޓް ރިކަވަރީ ކޮމިޝަނަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ލިސްޓުގައި މިހާރުގެ އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެނަން ހިމަނާފައި އޮތުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައި އެކަން މަޖިލީހުގެ ރައީސަށް އަންގަވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަސަން ޒިޔަތު ފޮނުއްވި ސިޓީގައި ވިދާޅުވީ ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ މަގާމުގައި މިވަގުތު ދެމިހުރުމަކީ ދައުލަތާއި އޮޑިޓަރ ޖެނެރަލް އޮފީހުގެ ކަރަމާތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަމުގައި ދެކެވަޑައިގަންނަވާތީ ތަހުޒީބީ މުޖްތަމައުތަކުގައި އަމަލު ކުރާ އުސޫލުން ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

"ދައުލަތުގެ އޮޑިޓަރު ޖެނެރަލްގެ ހައިސިއްޔަތުން އަޅުގަނޑު މަަސައްކަތް ކުރުމުގައި އަދި މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ހިޔާނާތެއް އަދި ރިޝްވަތެއް ނުވަތަ އަޅުގަނޑުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއްގައި އަޅުގަނޑު ބައިވެރިނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ." ޒިޔަތުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ މަޖިލީހުން އާންމުކޮށްފައިވަނީ އެކޮމިޝަނުން މަޖިލީހަށް ހިއްސާކުރި ލިސްޓް ކަމަށެވެ. އެ ލިސްޓަކީ ހުކުމެއް ނޫން ކަމަށާއި، އެ ލިސްޓުގައި ހިމެނުނު އެންމެންނަކީ ކުށްވެރިން ނޫން ކަމަށް އައްސަދު ވިދާޅުވިއެެވެ. ނަމަވެސް އެލިސްޓަކީ ބޮޑު ޚިޔާނާތުގައި ބައިވެރިވި ނޫނީ އެ ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ލިސްޓް ކަމަށް ބުނާތީ އަސްއަދު އެވިދާޅުވާހާ ލުއިކޮށް އެލިސްޓްގައިވާ ނަންތަކާމެދު އާންމުން ނުދެކޭނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން