ކުރީގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު
ކުރީގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުތަކާއެކު އޮޑިޓަރ ޖެނެރަލް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އޭނާއަށް ތައުރީފް ކުރައްވައިފިއެވެ.

އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އޮޑިޓް އޮފީހުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް ހަސަން ޒިޔަތު މަގާމުން ވަކިވެވަޑައިގެން ނަމޫނާ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ނަން އޮތީ މައުލޫމާތު އެއްކުރާ މަރުހަލާގައި ކަމަށާއި ޒިޔަތާ ދެކޮޅަށް އަދި އެއްވެސް ކަމެއް ސާބިތުނުުވާ ކަމަށް ރޮޒައިނާ ވިދާޅުވެފައި ވެއެވެ.

"މިއީ، މިފަދަ ގޮތަކަށް އިސްތިއުފާ ދެއްވި ފުރަތަމަ ފަހަރު،" މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ ވިދާޅުވިއެވެ.



މަގާމުން އިސްތިއުފާ ދެއްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަސަން ޒިޔަތު ފޮނުއްވި ސިޓީގައި ވިދާޅުވީ ދިވެހި ދައުލަތުގެ އޮޑިޓަރު ޖެނެރަލްގެ މަގާމުގައި މިވަގުތު ދެމިހުރުމަކީ ދައުލަތާއި އޮޑިޓަރު ޖެނެރަލް އޮފީހުގެ ކަރަމާތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަމުގައި ދެކެވަޑައިގަންނަވާތީ ތަހުޒީބީ މުޖްތަމައުތަކުގައި އަމަލު ކުރާ އުސޫލުން ދިވެހި ދައުލަތުގެ އޮޑިޓަރު ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ ހައިސިއްޔަތުން އޭނާ މަަސައްކަތް ކުރެއްވުމުގައި އަދި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެއްވެސް ހިޔާނާތެއް އަދި ރިޝްވަތެއް ނުވަތަ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއްގައި ބައިވެރިނުވާނެ ކަމުގެ ޔަގީންކަން ޒިޔަތު ވަނީ ދެއްވާފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓުގައި ނަން ހިމެނިފައިވާތީ އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމުން އެތައް ބަޔަކު ވަނީ އޭނާގެ ހިތްވަރުގަދަ އެ ނިއްމުމަށް ތައުރީފްކޮށްފައެވެ. ޒިޔަތު ފެދައިން ނަމޫނާ ދައްކަވައި ލިސްޓްގައި ތިބި އެހެން ބޭފުޅުންވެސް މަގާމުން އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އެހެންނަމަވެސް މަޖިލީހުން ހާމަކުރި ޚިޔާނަތުގެ ލިސްޓްގައި ތިއްބެވި ގިނަ ބޭފުޅުން ވަނީ ތުހުމަތުތައް ދޮގުކޮށް އެކަމުން ބަރީއަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން