ބޮމުގެ ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ރައީސް މުޙައްމަދު ނަޝީދު މިއަދު ހެނދުނު ޖަރުމަންވިލާތަށް ފުރައިވަޑައިގެންފިއެވެ.

ރައީސް ނަޝީދު ޕްރައިވެޓް ޖެޓެއްގައި ޖަރުމަން ވިލާތަށް ފުރާވަޑައިގެންނެވީ މިއަދު 11:30 ހާއިރު އެވެ.

ރައީސް ނަޝީދު ޖަރުމަން ވިލާތަށް ފުރާވަޑައިގަތުމަށް އެމަނިކުފާނުގެ މޮޓޯކޭޑް މާލެއިން ދަތުރުކުރި މަގުތަކުގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެގޮތުން އެ މަގުތަކުގައި ސިފައިންނާއި ފުލުހުން ދިޔައީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދުގެ އާއިލާއިން ބުނީ މިވަގުތު ރައީސް ނަޝީދު އެމަޖެންސީގައި ރާއްޖެއިން ބޭރަށް ގެންދަން ނުޖެހުނު ނަމަވެސް ޖަރުމަނަށް ވަޑައިގަންނަވަނީ އިތުރު ފަރުވާއަށްކަމަށެވެ.



މިމަހުގެ 6 ވަނަދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލައިގެން ދިންހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ ސާޖަރީތަކެއް ވަނީ ހައްދަވާފައެވެ.



ރައީސް ނަޝީދަށް އަމާޒުވި ބޮމުގެ ހަމާލާއަށްފަހު ފުރަތަމަ ފަހަރަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައިވަނީ ޞިއްހީ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވައިފިއެވެ. އަދި ރައްޔިތުން އެދޭ ހެޔޮވެރިކަން ކުރުމުގައި ދެމި ހުންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދަށްް ހަމަލާދިން މައްސަލައިގެ ތަހުގީގް ކުރިއަށްދާއިރު މިހާތަނަށް 3 މީހަކު ވަނީ އެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން