އެމްއެންޑީއެފް އާއި ފުލުހުންނާއި ވަރުގަދަ ސެކިއުރިޓީ ރައީސް ނަޝީދު އެއާޕޯޓަށް ވަޑައިގަންނަވަނީ
އެމްއެންޑީއެފް އާއި ފުލުހުންނާއި ވަރުގަދަ ސެކިއުރިޓީ ރައީސް ނަޝީދު އެއާޕޯޓަށް ވަޑައިގަންނަވަނީ
އައިއީޑީއެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަން ވިލާތަށް މިއަދު ފުރާވަޑައިގެންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހުރިހާ ހަރަދުތަކެއް ހަމަޖައްސާފައިވަނީ އެ ޤައުމުގެ ސަރުކާރުންކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފި އެވެ.

ރައީސް ނަޝީދު ޖަރުމަނަށް ފުރާވަޑައިގެންނެވުމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނު ޖަރުމަންވިލާތަށް ފުރާވަޑައިގަތީ އެއަރ އެމްބިއުލާންސެއްގައި ކަމަށެވެ. އަދި ރައީސް ނަޝީދު ދަތުރުފުޅު ކުރެއްވި އެއަރ އެމްބިއުލާންސްގެ ޚަރަދާއި ޖަރުމަންވިލާތުގައި ބޭސްފަރުވާ ކުރެއްވުމުގެ ޚަރަދު ހަމަޖައްސަވާފައިވަނީ ޖަރުމަންވިލާތުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް މިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓިން މެދުވެރިކޮށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސަވާފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ޖަރުމަންވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ޖަރުމަން ސަރުކާރުން ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފައެވެ.

މިމަހުގެ ހަވަވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގަލޮޅު ކެނެރީގޭކައިރިން ދިން މި ހަމަލާއާއި ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މި ހަމަލާގެ ފަހަތުގައި އަދިވެސް އިތުރު ބަޔަކު ހިމޭނެ ކަމަށް ބެލެވޭ ކަމަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެސް ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ދިން މި ހަމަލާ ތިން މީހުންނާ ހިސާބުން ނުނިމޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން