ރާއްޖެ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެ ކޮޅިގަނޑު ރާއްޖެއާއި ދުރަށް ޖެހެމުންދާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުން ދީފައިވާ ނަމަކީ ޓައުޓްޓައި އެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށްއޮތް 24 ގަޑިއިރު ތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އޭގެ ފަހުން ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ކޮޅިގަނޑު ރާއްޖޭގެ އުތުރު ހުޅަނގުއުތުރަށް ރާއްޖެއާ ދުރަށް ޖެހެމުންދާ ކަމަށާއި، މި ކޮޅިގަނޑާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނަ އަދަދަކަށް ބޯ ވިއްސާރަ ވިލާތައް އުފެދެމުންދާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ސަރަހައްދުުގައި ހާއްސަކޮށް އުތުރާއި މެދު ރާއްޖޭތެރޭގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދާވެނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"އާންމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި، 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ." މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި، އުދައިގެ އަސަރުވެސް ކޮށްފާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު