ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ގައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން، ފުލުހުންނާއިއެކު ހަރަކާތްތެރިވަމުންދާ ކަމަށް އެފަރާތުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ކޮވިޑްގެ ބަލިމަޑުކަން މާލޭގައި ފެތުރުން އިތުރުވުމާއި ގުޅިގެން މާލޭގައި އިއުލާނުކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް އެމްއެންޑީއެފުން ފުލުހުންނާއެކު މާލެ ސިޓީގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ބަލިމަޑުކަން ވަރަށް ބޮޑަށް ފެތުރެމުންދާތީ މާލެ ސަރަހައްދުގައި މިހާރު ވަނީ ކާފިއު އިއުލާނުކޮށްފައެވެ. އެގޮތުން ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް ގެއިން ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މުޅި ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ސިފައިންގެ އެލާޓް ލެވަލް ވެސް ވަނީ އެންމެ މަތީ ލެވަލް، ނުވަތަ އެމްބާއަށް ބަދަލުކޮށްފަ އެވެ.

ދައުލަތުގެ މުހިއްމު އިދާރާތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ސިފައިން ވަނީ ހަވާލުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން