އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ލިސްޓުގައި ހިމެނިފައިވާތީ މަގާމުން އިސްތިއުފާ ދެއްވި އޮޑިޓާ ޖެނެރަލް ޙަސަން ޒިޔަތަކީ އޮޑިޓު އޮފީހަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވި ބޭފުޅެއް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން މިއަދު ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ މަޤާމުން ޒިޔަތު އިސްތިއުފާދެއްވާފައިވަނީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ ފަރާތްތަކުގެ ލިސްޓެއް އާންމުކުރިއިރު އެ ލިސްޓުގައި އޭނާގެ ނަންވެސް ހިމެނުމުންނެވެ. 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވިއިރު ޒިޔަތަށް ޕީޕީއެމުން ދިން ފައިސާއަކީ ޚިޔާނާތުގެ ފައިސާ ކަމަށް އެ ލިސްޓުގައި ވަނީ ބުނެފައެވެ.

އިސްތިއުފާދެއްވަމުން ޒިޔަތު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ އެފަދަ ތުހުމަތެއް ކުރެވުމުން ތަހުޒީބު މުޖުތަމަޢުތަކުގައިވެސް ކަންކުރާ ގޮތަކީ އިސްތިއުފާ ދިނުން ކަމަށެވެ. އަދި އިތުރަށް މަޤާމުގައި އޭނާ ދެމިހުންނެވުމަކީ އޮޑިޓު އޮފީހުގެ ކަރާމަތަށާއި ޤަދަރަށް އުނިކަން އަތުވެދާނެ ކަމެއް ކަމަށް ޒިޔަތު ވިދާޅުވިއެވެ.

އޮޑިޓު އޮފީހުން ބުނީ އޮޑިޓު އޮފީހަކީ އާންމުން ބަލައިގަންނަ ތަނަކަށް ހެއްދެވުމަށް ޒިޔަތު މަސައްކަތްކުރެއްވި ކަމަށެވެ. އަދި ޤާނޫނީ ގޮތުން އޭނާއާ ހަވާލުވެފައި އޮންނަ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެއްވުމަށް އޭނާ މަސައްކަތްކުރެއްވި ކަމަށްވެސް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އަދި މަޤާމުގައި ހުންނެވިއިރު އޮޑިޓު އޮފީހަށް ކުރިއެރުން ގެނައުމަށް ޒިޔަތު ކުރެއްވި މަސައްކަތް ފާހަގަކޮށް ޒުވާން ލީޑަރުން ބިނާކުރެއްވުމަށްވެސް ޒިޔަތު އިސްކަން ދެއްވިކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ. އެގޮތުން ޒިޔަތުގެ ލީޑާޝިޕުގައި ޒުވާން ލީޑަރުން ބިނާކުރުމުގެ ޕްރޮގުރާމުތަކުގައި އޮޑިޓު އޮފީހުގެ މުވައްޒަފުން ބައިވެރިވެ، ދަސްވެނިވެފައިވާކަމަށް އޮޑިޓް އޮފީހުން ބުނެ އެވެ.

އޭގެ އިތުރުން ޒިޔަތަކީ މުވައްޒަފުންނާ ރަނގަޅު ގުޅުމެއް ބޭއްވެވި ބޭފުޅެއް ކަމަށާއި، ހުރިހާ މުވައްޒަފުންގެ ޝަކުވާތައް އަޑުއައްސަވައި މުވައްޒަފުންނާމެދު އެކުވެރިންގެ ގޮތުގައި ޒިޔަތު ދެކެވަޑައިގެންނެވި ކަމަށްވެސް އޮޑިޓް އޮފީހުން ވަނީ ބުނެފައެވެ.

ޒިޔަތު މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާގެ މަގާމުގެ މުއްދަތު ހަމަވާންވެސް ވަނީ ވަރަށް ކުޑަ ދުވަސްކޮޅަކަށް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން