ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތުގައި ބައިވެރިވެ ނުވަތަ އެޚިޔާނާތުން މަންފާ ލިބިފައިވާ މީހުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ލިސްޓަކީ ތަހުގީގު ފުރިހަމަނުކޮށް އާންމުކޮށްފައިވާ ލިސްޓެއް ކަމަށާއި އެއީ ޒިންމާދާރުކޮށް ކޮށްފައިވާ ކަމެއް ނޫންކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި އެމްއެމްޕީއާރްސީގެ ތެރެއިން ހިންގާފައިވާ ބޮޑު ޚިޔާނާތުގައި ބައިވެރިވާ މީހުންނާއި އެޚިޔާނާތުން މަންފާ ލިބިފައިވާ މީހުން ކަމަށް ބުނާ ބަޔަކު ހިމެނޭ ލިސްޓެއް މިދިޔަ ހަފުތާ ނިމެމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ އާންމުކޮށްފައެވެ. މަޖިލީހުގެ އެދުމަކަށް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ އެ ލިސްޓުގައި ހިމެނޭ ގިނަ ފަރާތްތަކަކީ އަދި އެއްވެސް ވަރަކަށް ތަހުގީގެއް ނުހިންގާ ލިސްޓުގައި ހިމަނާފައިވާ ނަންތަކެވެ. އެގޮތުން ތަހުގީގު ހިނގަމުންދާ ފަރާތްތަކުގެ ނަންތަކާއި އަދި މައުލޫމާތު އެއްކުރަމުންދާ ފަރާތްތަކުގެ ނަންތައްވެސް ހިމަނައިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާޜުކޮށްފައިވާ މިލިސްޓް ދިރާސާ ކުރަން އެކުލަވާލި ކޮމިޓީން ވަނީ އެލިސްޓާ ގުޅޭ ގޮތުން ރިޕޯޓެއް ތައްޔާރުކޮށް މަޖިލީހަށް ހުށައަޅައިގެން ފާސްކޮށް އެލިސްޓް އާންމުވެސް ކޮށްފައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުން އެކަން ކޮށްފައިވަނީ (ލިސްޓް އާންމުކޮށްފައިވަނީ) އެއްވެސް ޒިންމާދާރު ކަމެއް ނެތި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި ހިނގަމުންދާ ތަހުގީގު ތަކަކާއި އަދި މުޅިން ފުރިހަމަ ނުވާ މައުލޫމާތު ތަކެއް އެއީ. ވަރަށް މިނިވަން ކަމާއެކު ރަނގަޅު ތަހުގީގެއް ހިންގާފައި ނޫނީ އެފަދަ ބޮޑު ޚިޔާނާތަކާއި ގުޅުވައިގެން ބައެއްގެ ނަންތަކެއް އެގޮތަކަށް ހާމައެއް ނުކުރެވޭނެ." ގާސިމް އިބްރާހީމް "ރަސް އޮންލައިން" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމުގައި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މާމިލީ ދާއިރާ ތަމްސީލް ކުރަށްވާ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެންމެ ތަޖުރިބާކާރު އެއްބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ގާސިމް ވިދާޅުވީ ފުރިހަމަ ތަހުގީގެއް ނުހިންގައި ބައެއްގެ ބޮލުގައި ހަމައެކަނި ތުހުމަތު ތަކެއް އަޅުވާފައި އެފަދަ ލިސްޓެއް އާންމުކުރުމަކީ ބައެއްގެ ހިތުގައި ޒާތީ ހަސަދަވެރިކަމާއި ނަފުރަތު އުފެދޭނެ ކަމެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއްވެސް އިދާރާއަކުން އެފަދަ ޒިންމާދާރުނޫން ކަމެއް ކުރަންޏާ އެކަމެއް ރަނގަޅުކޮށް އެއިދާރާއެއް ނުވަތަ އެކަން ކުރާ ބަޔަކު ޖަވާބުދާރީ ކުރުވާން އޮތް މުއައްސަސާ. މިއަދު އެމުއައްސަސާއިން ނެރެ އާންމުންގެ ތެރެއަށް ދޫކޮށްލާފައި އެވަނީ ތަހުގީގު ނުނިމި، ބައެއްގެ ބޮލުގައި ތުހުމަތު ތަކެއް އެޅޭ ގޮތަށް އޮތް ލިސްޓެއް. އެފަދަ ލިސްޓެއް ނެރެ އާންމުކޮށްފައި އޭގައި ނަންހުރި ހުރިހާ އެންމެންނަކީ ކުށްވެރިންނެއް ނޫނޭ ބުންޏަސް އެކަން އާންމުން ގަބޫލެއް ނުކުރާނެ. އޭގެތެރޭގައި ކުށެއްނެތް ބަޔަކު ހިމެނިފައިވާނަމަ އެއީ އެމީހެއްގެ މުޅި އުމުރަށް، ހަޔާތުގައި ޖެހޭ ލައްގަނޑެއް." ރާއްޖޭގައި މިހާރު އަމަލުކުރަމުން ގެންދާ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައަކީ ވަރަށް ރަނގަޅަށް ބަލައި ތަހުގީގުކުރަން ޖެހޭނެ މައްސަލައެއް ކަމަށެވެ. އެމައްސަލަ ރަނގަޅަށް ބަލައި ތަހުގީކޮށް ކުށްވެރިވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަކީ މުސްތަގުބަލުގައި އެފަދަ ކަންކަން ހުއްޓުވައި އެފަދަ ނުބައި އަމަލުތައް ސަރުކާރުތަކުގެ ތެރެއިން ހިނގިޔަ ނުދިނުމަށް ވެސް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ގާސިމު ފާހަގަ ކުރެއްވިއެވެ. އަދި އެމަސައްކަތް ކުރިއަށްދާ ގޮތް ބަލައި ފާރަވެރި ވުމަކީ މަޖިލީހުން ކުރަން ޖެހޭނެ ކަމެއް ކަމުގައިވެސް ގާސިމް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހަކީ ދައުލަތް ޖަވާބުދާރީ ކުރުވަން އޮންނަ ދައުލަތުގެ މުހިންމު އެއްބާރު. ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މަޖިލީހުން ކުރަން ޖެހޭނެ. އަދި އެފަރާތްތަކުން ކުރާކަންކަމުގެ މައުލޫމާތު ހޯދައި މައްސަލަތަކުގެ މައުލޫމާތު އެއްކޮށް މައްސަލަތައް ދިރާސާ ކުރުމަކީ މަޖިލީހުން ކުރަން ޖެހޭނެ ކަމެއް. އެއީ މަޖިލީހުގެ މެންޑޭޓެއް." ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ މަޖިލީހުން އެފަދަ ކޮންމެ ކަމެއް ކުރި ނަމަވެސް ކުރަން ޖެހޭނީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފު ނުވާގޮތަށް، އެކަން ކުރަން އޮންނަ އެންމެ ރަނގަޅު އުސޫލުން ކަމަށެވެ. ގާސިމް ވިދާޅުވީ އެފަދަ ބޮޑެތި މައްސަލަތައް ކޮމިޓީއަކުން ދިރާސާކުރި ނަމަވެސް އަދި މަޖިލީހުގައި އެކަމާބެހޭގޮތުން ވާހަކަދެއްކި ނަމަވެސް ތަހުގީގު ހިނގަމުންދާ މައްސަލައެއް ދިރާސާކޮށް އެމައްސަލައާމެދު ވާހަކަ ދެކެވެން ވާނީ ސިއްރުކޮށް ބާއްވާ ބައްދަލުވުން ތަކުގައި ކަމަށެވެ.

"އެފަދަ ކަންކަމަކީ މީހުންގެ އިއްޒަތާ ގަދަރާ ގުޅިފައިވާ ކަންކަން. ފަރުދުންގެ އަސާސީ ހައްގުތައް ރައްކާތެރިކޮށްދީ މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިނުގަނެ، ނޫނީ ހުތުރުނުވާ ގޮތަށް ކަންކަންކުރުމުގައި ނަމޫނާ ދައްކަންޖެހޭ އެންމެ މުހިންމު ތަނަނީ ރައްޔިތުންގެ މަޖިލިސް. އެމަޖިލީހުގައި އެތިއްބަވަނީ ރައްޔިތުން ވަރަށް އިތުބާރުކޮށްފައި ރައްޔިތުން ވޯޓުދީގެން ހޮވާފައި ތިބޭ ރައްޔިތުންގެ މަންދޫބުން. އެމަންދޫބުން ހަމަ ކޮންމެ ރައްޔިތެއްގެ ވެސް އަބުރާ ޢިއްޒަތަށް އިހުތިރާމްކޮށް ގަދަރު ކުރަން ޖެހޭނެ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކުށެއް ނެތް މީހަކީ މައުސޫމް މީހެއް ކަމަށް ގާނޫނު އަސާސީގައިވެސް ބަޔާން ކޮށްފައި އޮންނާނެ ކަމަށެވެ. އެހެންވީމާ ޝަރުޢީ ކޯޓަކުން މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވަނީސް އޭނާއަކީ ކުށްވެރިއެއްކަމުގައި ކަނޑައެޅުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިގެން ނުވާނެ ކަމުގައި ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު މިވާހަކަ މިދައްކަނީ އެއްވެސް މީހަކު ދިފާޢު ކުރާކަށް ނޫނީ ކުށްވެރި ކުރާކަށްވެސް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ ކަމެއްވެސް ކުރަންވާނީ ހަމައާއި އިންސާފުން." ޤާސިމް ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދީ އިންސާފާއި ހަމަހަމަކަން ގާއިމްކޮށްދޭން ވަޢުދުވެގެން އައި ސަރުކާރެއް ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ޞާލިހަކީ ވަރަށް އޯގާތެރި އިހުލާސްތެރި ހިތްތިރި ވެރިއެއްގެ ގޮތުގައި ރައްޔިތުންނަށް ނަމޫނާ ދައްކަވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި އެހެންކަމުން 19 ވަނަ މަޖިލީހުގެ ތެރެއިން ވެސް އެތަފާތު ފެނިގެންދާނެ ކަމަށް ރައްޔިތުން އުއްމީދު ކުރަށްވާނެ ކަމުގައި ގާސިމް ވިދާޅުވިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވާ މީހުންގެ ލިސްޓް މަޖިލީހާއި ހިއްސާ ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މަޖިލީހުން އެލިސްޓް ދިރާސާކުރީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241) އާއި ޖުޑިޝަރީ ކޮމިޓީގެ މެންބަރުން ހިމަނައިގެން އެކުލަވާލި ޚާއްޞަ ކޮމިޓީއަކުންނެވެ. މިހާރު ތަހުގީގު ހިނގަމުންދާކަމަށް ބުނާ މައްސަލަ ތަކާއި މައުލޫމާތު ހޯދުމުގެ މަރުހަލާގައިވާ މައްސަލަތަކާއި ގުޅޭ ފަރާތްތަކުގެ ނަން މިލިސްޓުގައި ހިމަނާފައިވާތީ އެލިސްޓްގައި ހިމެނޭ ގިނަ ބަޔަކު ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ބައެއް ބޭފުޅުން ވިދާޅުވީ ތަހުގީގެއް ނުހިންގާ އަދި ކޮމިޝަނުން އެއްވެސް ވަރަކަށް ސުވާލުވެސް ކޮށްނުލައި، ބޮޑު ޚިޔާނަތަކާއި ގުޅޭ މައްސަލައެއްގެ ލިސްޓުގައި ނަންޖަހައި އާންމު ކުރުމަކީ ގަސްތުގައި ބައެއްްގެ އަބުރު ކަތިލުން ކަމަށެވެ.

މަޖިލީހުން ލިސްޓު ނެރުމުގެ ކުރިން އެމްއެމްޕީއާރްސީގެ ޚިޔާނާތާގުޅޭ ލިސްޓެއް ސޯޝަލް މީޑިއާގައި ވެސް ވަނީ ލީކްކޮށްލާފައެވެ. ކުރިން މަޖިލީހުންވެސް ބުނެފައިވާ ގޮތަށް ލީކްކޮށްލި ލިސްޓުގައި 281 ފަރާތެއްގެ ނަން ހިމެނިފައި އޮތް ނަމަވެސް މަޖިލީހުން ލިސްޓު އާންމު ކުރިއިރު ބައެއް ފަރާތްތަކުގެ ނަން ވަނީ އުނިކޮށްފައެވެ. މިމައްސަލައިގައިވެސް ބައެއް ފަރާތްތަކުން ވަނީ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން