ބަޔަކަށް ތިންމިލިއަން ޑޮލަރު ދީގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ވާހަކަ މަޖިލީހުގެ މެމްބަރަކު އެކަމަނާއަށް ގުޅުއްވާފައި ވިދާޅުވި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެެވެ.

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާއެއް ދޭންއުޅޭވާހަކަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ކަންކަން އެމްއެންޑީއެފުން ބަލަމުންދާނެ ކަމަށާއި، އެކަމަކީ ޖިނާއީ ކަމަކަށް ވުމުން މެންބަރުވެސް އެކަން ފުލުހުންނަށް އެންގެވުމަށް އެދިވަޑައިގެންނެވިކަމަށް މާރިޔާ ވިދާޅުވިއެވެ.

"މެންބަރަކު އަޅުގަނޑަށް ގުޅުއްވި، ވިދާޅުވީ ބަޔަކު 3 މިލިއަން ޑޮލަރު ދީގެން ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ ވާހަކައެއް އަޑުއެހީމޭ، މާރީ ރައީސަށް ބައްލަވައްޗޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑުމެން ތިކަން ބަލަމުން ދާނަމޭ، ތިކަމަކީ ޖިނާއީ ކަމަކަށްވާތީ މެންބަރުވެސް ތިވާހަކަ ސީޕީއަށް އަންގަވައްޗޭ، އަދި ތިކަހަލަ ވާހަކައެއް އަޑުއިވުނުކަން ރައީސް ނަޝީދަށްވެސް ދަންނަވައްޗޭ، އެހެން ބުނުމުން މެންބަރު ވިދާޅުވީ މާރީ އަންގާލާށޭ، އެހިސާބުންވެސް އަޅުގަނޑު ތަކުރާރުކޮށް ދެންނެވިން ފުލުހުންނަށްވެސް އޭގައި ހިމެނޭ ޖިނާއީބައި މެންބަރު އަންގަވަން." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެ މައުލޫމާތު ލިބިވަޑައިގަތް އިރުވެސް ރައީސް ނަޝީދުގެ ސެކިއުރިޓީ ކަންކަން އޮތީ އެންމެ މަތީ ދަރަޖަކަމަށްވާ "ކްރިޓިކަލް ރިސްކް ލެވެލް" އަށް ޖައްސާފައި ކަމަށެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީ ދަރަޖަ "ހައި ރިސްކް" އިން ކްރިޓިކަލް ރިސްކަަށް ބަދަލުކުރީވެސް މީގެ 2 މަހެއްހާ ދުވަސް ކުރިން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މާރިޔާ މިހެން ވިދާޅުވި ނަމަވެސް ރައީސް ނަޝީދަށް ދިން ހަމަލާގެ އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް އެމްއެންޑީއެފާއި ފުލުހުންނަށް ލިބިފައިނުވާ ކަމަށް އެ ދެމުވައްސަސާ އިން ވެސް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ފާރިސް

15-May-2021

ކްރިޓިކަލް ސެކިއުރިޓީގައި ރ ނަޝީދު އާއި ޕީ އެސް އޯ ދޭތެރެއިން ދެވިދާނެތޯ؟ ހޮސްޕިޓަލުން އެއަރޕޯޓަށް ދެއްވީ ކޮންނަމެއް ކިޔާ ސެކިއުރިޓީއެއްތޯ؟



ޓްރެންޑިން