ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އުޅޭ ކަމުގެ މައުލޫމާތު ލިބި އެކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމަކީ ބޮޑު ފެއިލްވުމެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

ބަޔަކަށް ތިންމިލިއަން ޑޮލަރު ދީގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ޑިފެންސް މިިނިސްޓަރު މާރިޔާ ދީދީއާއި ހިއްސާކުރައްވާފައެވެ. އެމައުލޫމާތު މިނިސްޓަރަށް ދެއްވާފައިވަނިކޮށް މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައި އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. އެ ހަމަލާއާއި ގުޅިގެން އޭޑިކޭގައި ފަރުވާ ދިނުމަށްފަހު ރައީސް ނަޝީދު މިހާރު ވަނީ ބޭސްފަރުވާއަށް ޖަރުމަން ވިލާތަށް ވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިނިސްޓަރ މާރިޔާގެ ވާހަކަތަކުން ޝޮކެއް ލިބިވަޑައިގެންފައިވާ ކަމަށާއި، މައުލޫމާތު ލިބުމާއެކު މިނިސްޓަރު މާރިޔާ އެކަން ރަސްމީކޮށް އެމްއެންޑީއެފާއި ފުލުހުންނަށް އަންގަވައި، އެކަން ސަމާލުކަމަށް ގެންނަން ޖެހޭނެ ކަމަށެވެ.





އެއަށްފަހު ފުލުހުންނާ އެމްއެންޑީއެފް ގުޅިގެން ޖޮއިންޓް ބައްދަލުވުންތައް ބާއްވައި، ދެން ކުރިއަށް ދާނެ ގޮތެއް ރާވައި، ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އެފަދަ ހަމަލާއެއް ކުރިމަތިވިޔަ ނުދިނުމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށާއި، ވަގުތުން ވަގުތަށް ފިޔަވަޅު ނޭޅުމަކީ ވަރަށް ސީރިއަަސް މައްސަލައެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވެފައިވަނީ ބަޔަކަށް ފައިސާ ދީގެން ރައީސް ނަޝީދަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބުމުން އެމަނިކުފާނުގެ ސެކިއުރިޓީއާ ގުޅޭ ކަންކަން އެމްއެންޑީއެފުން ބަލަމުންދާނެ ކަމަށާއި، އެކަމަކީ ޖިނާއީ ކަމަކަށް ވުމުން މެންބަރުވެސް އެކަން ފުލުހުންނަށް އެންގެވުމަށް އެދިވަޑައިގެންނެވިކަމަށެވެ. މިނިސްޓަރު މާރިޔާއަށް އެ މައުލޫމާތު ހިއްސާކުރައްވާފައިވަނީ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

އިލްޔާސް ލަބީބު މިއަދު ނެރުއްވި ބަޔާނެއްގައި މާރިޔާގެ ވާހަކަތައް ވަނީ ދޮގުކުރައްވާފައެވެ. އިލްޔާސް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ހުށައެޅުމަށް އެކަމަނާ އެދިވަޑައިގެންފައިނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން