އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގުމުގެ އެންމެ އަޑީގައި ތިބި ފަރާތްތަކުގެ ނަންތައް ޚިޔާނާތުގެ ލިސްޓުގައި ނެތްކަމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތް ތަހުގީގު ކުރަން ފެށީ ކުރީ ސަރުކާރުގައި ކަމަށާއި، އެ ހިޔާނާތުގައި ބައިވެރިވި މީހުން ޖަލަށްލާފައި ތިއްބާ، އެމްޑީޕީ ވެރިކަމަށް އައިސް އެ މީހުންނާއެކު ޑީލް ހަދައި އެ މީހުންގެ އަދަބަށް ލުއި ހޯދައިދިނީ ކަމަށެވެ. އަދި ހޯދަން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް އުނިކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެސެޓް ރިކަވަރީ ކޮމިޝަނަކީ ހެޔޮ ނިޔަތެއްގައި އުފެއްދި ކޮމިޝަނެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އަދި އެ ކޮމިޝަނުގެ ރައީސަށް ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ކަމަށް ބަޔާނުގައިވެއެވެެ.

ކޮމިޝަން އުފައްދައިގެން ދެ އަހަރާއި ބައި ވެގެން ދިޔަ އިރުވެސް އެދެވޭ އެއްވެސް މަސައްކަތެއް ކުރެވިފައިނުވާ ކަމަށްވެސް ކޯލިޝަނުން ބުނެފައިވެ އެވެ. އަދި އެކޮމިޝަނާ ހަވާލު ކުރެވުނު މަސައްކަތުގެ ބަދަލުގައި އެކޮމިޝަނުން ކުރަމުން ގެންދިޔައީ ސިޔާސީ މަސައްކަތްތަކެއް ކަމަށްވެސް ކޯލިޝަނުން ބުނެއެވެ.

އެސެޓް ރިކަވާރީ ކޮމިޝަނުން އެކުލަވާލި ލިސްޓުގައި ހުރި ނަންތަކާ މެދުވެސް ސުވާލު އުފެދޭކަމަށް ކޯލިޝަނުން ބުނެ އެވެ.



"ބަޔަކު ބުނި ބަހަކަށް ނުވަތަ ފޯނެއްގައި ލިޔެފަ ހުރި ވާހަކަތަކެއްގެ މައްޗަށް ބުރަވެ ކުށެއް ނެތް މައުސޫމް އެތައް ރައްޔިތެއްގެ ނަން ހިމަނާ ލިސްޓެއް ތައްޔާރުކޮށް، އެފަރާތްތަކާއި ސުވާލު ކުރުމެއް ނެތި، އެ ލިސްޓު މަޖިލީހާއި ހިއްސާ ކުރުމުންވެސް އެލިސްޓު ތައްޔާރު ކުރި މަގުސަދު ވަރަށް ބޮޑަ ހާމަވެގެން ދެއެވެ." ޕީޕިއެމް ކޯލިޝަންގެ ބަޔާނުގައިވެއެވެ.

ޕީޕިއެމުން ބުނީ އެއީ ޒިންމާދާރު މަސައްކަތެއްކުރާ ޕްރޮފެޝަނަލް ބަޔަކު ކުރާނެ ކަމެއްވެސް ނޫންކަމަށެވެ. ހިޔާނާތުގައި ބައިވެރިވި މީހުން ބޭނުންކޮށްގެން، ވާދަވެރި ފަރާތްތަކުގެ އަބުރު ކަތިލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުންވެސް އެނގެނީ ގެއްލުނު ފައިސާ އަނބުރާ ހޯދުމުގެ ނިޔަތެއް ސަރުކާރުގައި ނެތްކަން ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ކޯލިޝަނުގެ ބަޔާނުގައި، ޕާޓީގެ ހަރަދުތަކަށް ހެޔޮ އެދޭ ފަރާތްތަކުން ފައިސާ ހޯދާ ކަމަށް ބުނެފައި ވެއެވެ. ޕާޓީގެ އިވެންޓުތަކާއި، ދަތުރުތަކާއި، ކެމްޕޭނުތަކަށް ހަރަދު ކުރަމުންދަނީ އެ ފައިސާއިން ކަމަށް އެ ކޯލިޝަނުން ބުނެ އެވެ. އަދި ހިޔާނާތް ހިންގި އިރު ޕާޓީއަށް ފަންޑު ހޯދުމުގައި އިސްކޮށް އުޅުނީ އަދީބު ކަމަށާއި، އޭނާ ހޯދަމުން ގެންދިޔަ ފައިސާގެ ތެރޭގައި ހިޔާނާތުގެ ފައިސާ ހިމެނޭ ކަމެއް އެނގިފައި ނުވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"އޭރު ޕާޓީއަށް ފަންޑު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އެއްފަރާތަކީ ޕީޕީއެމްގެ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބެވެ. އަދި އޭނާ ހޯދަމުން ގެންދިޔަ ފައިސާގެ ތެރޭގައި ހިޔާނާތުގެ ފައިސާ ހިމެނޭކަމެއް ޕާޓީއަށް އެނގިފައެއް ނުވެއެވެ." އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެެވެ.

އެސެޓް ރިކަވާރީ ކޮމިޝަނުން އާންމު ކުރި ލިސްޓާއި މީގެ ކުރިން އޭސީސީއިން އާންމު ކުރި ލިސްޓާ ތަފާތުތަކެއް ހުރުމުން އެއީވެސް ކަންބޮޑުވާ ކަމެއް ކަމަށް އެ ކޯލިޝަނުން ބުނެ އެވެ. އެ ކޯލިޝަނުން ވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ އެހީތެރިކަމާއެކު މިމައްސަލައިގައި މިނިވަން އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލައިފަ އެވެ. އަދި ހިޔާނާތުގައި ޝާމިލުވެފައިވާ އެންމެންނަށް ހައްގު އަދަބު ދިނުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

"ހަމައެއާއެކު، ލިސްޓު އާންމު ކުރިއިރު އެލިސްޓުގައި މައުސޫމް އެތައް ރައްޔިތެއްގެ ނަން އެފަރާތްތަކަށް އެނގުމެއް ނެތި ހިމަނާފައިވާތީ، އެފަރާތްތަކުގެ ކިބައިން މައާފަށް އެދުމަށް ވެސް ގޮވާލަމެވެ." ޕީޕިއެމް ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެސެޓް ރިކަވާރީ ކޮމިޝަނުން އެކުލަވާލާފައިވާ ހިޔާނާތުގައި ބައިވެރިވި ކަމަށް ބުނާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން އާންމުކުރީ މިދިޔަ ބުދަ ދުވަހުއެވެ. އެ ލިސްޓުގައި ކުރީގެ ސަރުކާރާއި މިހާރުގެ ސަރުކާރާއި، އޭރާއި މިހާރުގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން އިދިކޮޅު ކޯލިޝަނުގެ ގިނަ ލީޑަރުންގެ ނަންތައްވެސް ލިސްޓުގައި ވަނީ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ޢަލީ ސަޢީދު

19-May-2021

ބަލަމިހިރަމީހަކުމިކިޔާއެއްޗެ އަދީއަކީފައިސާޖަހާމެށިނެއްތަ ކަލޭމެން އަދީބު އާއިއެކަމެއްހަވާލުކުރީއޭނާލައްވާވައްކަންކުރުވާފަ ތިމީހުންޖީބުފުރުވަންނޫންތަ


2

އަލީ

15-May-2021

އަތްޖަހަންތިބިއިރު ނޭނގުނު އަޅުގަނޑުމެންގެ ގެއަށްވަނީ ހަލާލުފައިސާއެއްނޫނޭ ބުނިއިރު. ޢަދުރޭތިކިޔަނީ ޔާމީން އެކަނި ޒިންމާވާށޭތަ. ގައިމު ތިމަންނަ ޖަލަށްލާށޭވެަސް ކީ.



ޓްރެންޑިން