މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާޢިޝަތު މުޙައްމަދު ދީދީ
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާޢިޝަތު މުޙައްމަދު ދީދީ
ކޮވިޑްގެ ސަބަބުން ކުރިމަތިވި ދަތިތަކާ ގުޅިގެން މާލޭގައި ދިރިއުޅެން ދަތިވެފައިވާ ޢާއިލާތަކުގެ ތެރެއިން އަތޮޅު ތެރޭގެ ރަށްރަށަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އެފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން "އަހުލު" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން 9 ޢާއިލާ އަކަށް އަތޮޅުތެރޭގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސައިދެވިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާޢިޝަތު މުޙައްމަދު ދީދީ ދެއްވި ޚިތާބުގައި ވިދާޅުވީ، މިއަހަރުގެ ޢާއިލާތަކުގެ ދުވަސް ބައްދަލުކޮށްފައި މިވަނީ ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައި އޮތް ވަޤުތެއްގައި ކަމަށެވެ. މިއީ ވަރަށް ގިނަ ޢާއިލާތަކަށް ނުތަނަވަސްކަމާއި، ކަންބޮޑުވުން ކުރިމަތިވެފައިވާ ވަޤުތެއް ކަމަށާއި، ކޮވިޑްގެ ސަބަބުން ޞިއްޙީގޮތުން ކުރިމަތިވާ އުނދަގޫތަކުގެ އިތުރުން އިޖުތިމާއީ ގޮތުންނާއި، ނަފްސާނީ ގޮތުން އަދި މާލީގޮތުން ގިނަ ގޮންޖެހުންތަކަކާ ޢާއިލާތަކަކުން އަންނަނީ ކުރިމަތިލަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެންމެ ބޭނުންވާ އެއް ކަމަކީ ޢާއިލީ ގުޅުން ބަދަހިކޮށް އޮތުމެވެ. ޢާއިލާގެ އެކަކު އަނެކެއްގެ ޙާލު އޮޅުންފިލުވައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މި ބަލިން ޢާއިލާގެ މެންބަރުން ރައްކާތެރިކުރުމަށްޓަކައި ޢާއިލާގެ ކޮންމެ މެންބަރަކުވެސް ފަރުދީގޮތުން އަދާކުރައްވަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކުރެއްވުމެވެ. ވަކިން ޚާއްޞަކޮށް ޢާއިލާގައި ތިބި އުމުރުން ދުވަސްވީ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކޮވިޑް ނުފެތުރޭނެ ގޮތަކަށް ޢަމައްލުކުރެއްވުމަކީ ޢާއިލާގެ އެހެން މެންބަރުން ބޮޑު އިސްކަމެއް ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. އަދި ބަލީގެ ބާވަތުން ބައްޔަށް ފަރުވާ ކުރުމަށްޓަކައި މެޑިކަލް ފެސިލިޓީ ތަކަށް ގެންދެވޭ ފަރާތްތަކަކީ ޢާއިލާއާ ވަކިން ތިބެންޖެހޭ ފަރާތްތަކެއް ކަމަށްވުމާއެކު އެ ފަރާތްތަކުގެ ޙާލު ވީހާވެސް ގާތުން ބައްލަވަމުން ގެންދެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ.

"މިދިޔަ އަހަރުގެ ކުރީކޮޅު ކޮވިޑްގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށީއްސުރެ ޢާއިލާތަކަށް ކުރިމަތިވަމުން އައި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގައި ސަރުކާރުގެ ފަރާތުން އައީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކޮވިޑާއި ގުޅިގެން މިދިޔަ އަހަރު މާލެ ސަރަޙައްދުގައި ގެންނަން ޖެހުނު ފުރަބަންދުގެ ހާލަތާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނު ޢާއިލާތަކަށާއި، ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭންޖެހުނު ފަރާތްތަކަށް އެކަންކަން ފުރިހަމަކޮށްދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރަމެވެ. މީގެ އިތުރުން ކޮވިޑާ ގުޅިގެން ނާޒުކު ހާލަތުގައި ތިބި ޢާއިލާތަކުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އެފަދަ ޢާއިލާތަކުގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ބައެއް ކަންކަން ހަމަޖައްސައިދިނުމުގެ މަސައްކަތް މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ކުރެވުނުކަން ފާހަގަކުރަމެވެ." މިނިސްޓަރގެ ޚިތާބުގައި ވިދާޅުވެފައި ވެއެވެ.

ކޮވިޑްގެ ހާލަތުގެ ސަބަބުން ޢާއިލާތަކުގައި ތިބި އާމްދަނީ ލިބޭ ބައެއް ފަރާތްތަކުގެ ވަޒީފާ ގެއްލި، ބައެއް ފަރާތްތަކުން އާމްދަނީ ހޯދުމަށްޓަކައި ކުރަމުން އައި މަސައްކަތް ހުއްޓާލަންޖެހުމުގެ އިތުރުން ބައެއް ފަރާތްތަކަށް ލިބެމުން އައި އާމްދަނީ ދަށަށް ދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަންކަމާ ގުޅިގެން ޢާއިލާތަކަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކުރުމަށްޓަކައި، ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ފޯރުކޮށްދިނުމާއި، ގެއްލުންތަކުން އަރައިގަތުމަށް ވިޔަފާރި ތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އާންމު ފަރާތްތަކުން ބައެއް ބޭންކުތައް މެދުވެރިކޮށް ނަގާފައިވާ ލޯންތައް ދެއްކުން ފަސްކޮށްދިނުމާއި، ކަރަންޓާއި ފެންފަދަ އަސާސީ ޚިދުމަތްތަކުގެ ބިލުން ބޮޑު އިންސައްތައެއް ވަކި މުއްދަތެއް ވަންދެން މަޢާފުކޮށްދިނުން ފަދަ ކަންކަން ސަރުކާރުގެ ފަރާތުން ފަހިކޮށްދެވުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ޢާއިލާގެ ތެރޭގައި ދިމާވާ މައްސަލަތައް މަދު ކުރުމަށާއި، ކުރިމަތިވާ މައްސަލަތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ޢާއިލާއާ ބެހޭ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި "ގެވެށި ގުޅުން" ނަމުގައި ޤައުމީ ފެންވަރުގެ ކެމްޕެއިނެއް ފަށައި އެ ކެމްޕެއިންގެ ދަށުން މުޅި ރާއްޖޭގައި ޚާއްޞަ މަސައްކަތްތަކެއް މި އަންނަނީ ކުރަމުންމެވެ. މިއާއެކު ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް އިތުރުކޮށް ހަރުދަނާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމުކޮށްފައި ހުރި ވަގުތީ ރައްކާތެރިކަން ފޯރުޖޮށްދޭ މަރުކަޒުތައް، ޚިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ބާރު ސްޕީޑްގައި މި އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަމުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އަމިއްލަ ޖަމިއްތާތަކާ ގުޅިގެން މި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ޢާއިލީ ގުޅުން ހަރުދަނާކުރުމަށް މަގުފަހިކޮށްދޭނެ ވިސްނުމާއި އުޅުން އާންމުންގެ ކިބައިގައި އަށަގެންނެވެމުށްޓަކައި ގިނަ ޕްރޮގްރާމްތަކެއް ރޭވި އެކަންކަމުގެ ޢަމަލީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފަށަން މިވަނީ ތައްޔާރުވެފައެވެ." މިނިސްޓަރގެ ޚިތާބުގައި ވިދާޅުވެފައި ވެއެވެ.

މިނިސްޓަރ ވަނީ، ޢާއިލާތަކުގެ ދުވަހެއް ފާހަގަކުރެވޭއިރު ޢާއިލާގެ ފަރާތުން ރައްކާތެރިކަމާއި، އަޅާލުމާއި، ލޯބި ނުލިބުމުގެ ސަބަބުން ޢާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަހުރޫމްވެފައިވާ ގިނަ އަދަދެއްގެ ކުދިންނާއި، މީހުން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މަރުކަޒުތަކުގައި ތިބިކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަށްވާފައެވެ. ޢާއިލީ ވެށްޓެއްގައި އުފާވެރިކަމާއެކު ދިރިއުޅުމަކީ ކޮންމެ ކުޑަކުއްޖަކަށްވެސް ލިބިގެންވާ ޙައްޤަކަށް ވެފައި، އެ ޙައްޤުން މަހްރޫމްވުމަކީ ކުއްޖާގެ ކުރިމަގަށް ނޭދެވޭ އެތައް އަސަރެއް ކުރާނެ ކަމެކެވެ. ހަމަ މި ބީދައިން އުމުރުން ދުވަސްވީ މީހުންނާއި، ނަފްސާނީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ މީހުންނަށް އެފަރާތްތަކުގެ ޢާއިލާގެ އަޅާލުމެއް ނެތި މަރުކަޒެއްގައި ދިރިއުޅެންޖެހުމަކީ އެ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވުމަށް މަގުފަހިކޮށްދޭނެ ކަމެއްކަން އެތައް ދިރާސާއަކުން ވަނީ ފާހަގަވެފައެވެ. އެހެންކަމަށްވުމާއެކު، މިކަންކަމާ މެދު ފުންކޮށް ވިސްނަވައި ކުދިންނާއި، މީހުން މަރުކަޒުތަކަށް ފޮނުވުމަކީ އެންމެ ފަހު ހައްލު ކަމުގައި ދެކެވަޑައިގެން ޢާއިލީ ވެއްޓެއްގައި ދިރިއުޅުމުގެ ފުރުޞަތު ކޮންމެ ކުއްޖަކާއި އަދި މީހަކަށްވެސް ހޯއްދަވައިދެއްވުމަށް ފަރުދީ ފެންވަރުގަ އާއި ޖަމާޢަތުގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް މިނިސްޓްރީގެ ފަރާތުން ވަނީ އިލްތިމާސް ކޮށްފައެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއާއި، ވަށައިގެންވާ ކަންކަމަށް އަންނަ ބަދަލާއެކު ޢާއިލާތަކަށް މާލީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް މިއަދު ވަރަށް ގިނަ އެވެ. މިފަދަ ގޮންޖެހުންތަކުގެ ނަތީޖާއަކަށްވަނީ ފަރުދުންގެ ނަފްސާނީ ދުޅަހެޔޮކަން ދަށްވެ އެމީހުންގެ ފަރާތުން ޢާއިލާއަށާއި މުޖުތަމަޢުއަށް ލިބެންވާ މަންފާ އެކަށީގެންވާ ގޮތެއްގައި ނުލިބުމެވެ. މިކަން މިހެން ވިޔަ ނުދިނުމަށްޓަކައި ނާޒުކު ހާލަތުގައި ދިރިއުޅެމުން އަންނަ ޢާއިލާތައް ދެނެގަނެ އެ ޢާއިލާތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދުރާލާ ދެނެގަނެ އެ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި ވަކިވަކި ޢާއިލާތަކާއެކު މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމުގައި ފާހަގަކުރަމެވެ. މިހެންކަމަށް ވުމާއެކު ސިޓީ، އަތޮޅު އަދި ރަށު ކައުންސިލުތަކުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އިސްނަންގަވައިގެން ޚާއްޞަ މަސައްކަތްތަކެއް ފެއްޓެވުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމުގައި ފާހަގަކުރަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން