ކާފިއު ވަގުތުގައި ކެފޭ ރެސްޓޯރަންޓްތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަށް ޑެލިވަރީކުރުމަށް ފާސް ދޫކުރާނެ އުސޫލެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ކޯވިޑް ފެތުރުން މާލެ ސަރަހައްދުގައި އިތުރުވެފައިވާތީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން ފަތިހު 4:00 އަށް މާލެ ސަރަޙައްދުގައި ވަނީ ކާފިއު ހިންގާފައެވެ. އެވަގުތުތަކުގައި ކެފޭ ރެސްޓޯރަންޓްތަކާއި ވިޔަފާރިކުރާ ތަންތަނުން ޚިދުމަތްދެވޭ ވަގުތުތަކާއި ޚިދުމަތް ދެވޭނެ އުސޫލެއް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

އެގޮތުން 18 މެއިގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ފަތިހު 5:00 އިން ހަވީރު 4:00އަށެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހުއްދައާއެކުއާ ހަވީރު 4:00 އިން މެންދަމު 12:00 އަށް ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ. މީގެއިތުރުން ރެސްޓޯރަންޓްތަކުންވެސް ފުލުހުންގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް މެންދަމު 12:00 އަށް ދެވޭނެއެވެ.

ކާފިއު ވަގުތު ވިޔަފާރިކުރުމަށް ވަކި އުސޫލެއްގެ ދަށުން ހުއްދަ ދޭއިރު، އެމަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފާސްދޫކުރުމަށްވެސް އުސޫލެއް މިހާރު ވަނީ އެކުލަވާލާފައެވެ. އިކޮނޮމިކް މިނިސްޓްރީން އެކުލަވާލި އުސޫލުގެ ދަށުން މުދާ ޑެލިވަރ ކުރުމަށް އެދޭ ވިޔަފާރިތަކަށް ދޫކުރާނީ 2 ޑެލިވަރީ ފާހާއި، 2 ސަޕޯޓް ސްޓާފް ފާހެވެ. ކެފޭ ރެސްޓޯރަންޓްފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކަށް ދޫކުރާނީ 2 ޑެލިވަރީ ފާހާއި، 4 ސަޕޯޓް ސްޓާފް ފާހެވެ. ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ދޫކުރާނީ 1 ފާހެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށާއި ރެސްޓޯރަންޓްތަކަށް މުދާ ފޯރުކޮށްދޭ ފަރާތްތަކަށް ދޫކުރާނީ 2 ފާސްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މިއުސޫލުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އިކޮނޮމިކް މިނިސްޓްރީން ފާސް ދޫކުރާއިރު، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ދޫކުރާ ފާސްފިޔަވައި އެހެން ވިޔަފާރިތަކުން ހުއްދައަށް އެދެންޖެހޭނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށްވެ.



ވިޔަފާރިތަކުން އިތުރަށް ފާސް ބޭނުންވާނަމަ، މުވައްޒަފުންގެ ތަފްޞީލު އަދި މަޢުލޫމާތު ސާފުކުރުމަށް ގުޅާނެ ފަރާތެއްގެ ތަފްޞީލު އިކޮނޮމިކް މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ފޮނުވަންޖެހެއެވެ. އަދި އިތުރަށް ފާސްދޫކުރާނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން