އެމްޓީޑީސީގެ 2020 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 80 ލާރި ބަހަން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.

މިމަހުގެ 11 ވަނަ ދުވަހު ބޭއްވި އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން ފާސްކުރީ 2020 ވަނަ އަހަރުގެ ކުންފުނީގެ ފައިދާއިން މޫނުމަތީ އަގު ގެ 10 ރުފިޔާގެ ހިއްސާއަކަށް 80 ލާރި ބެހުމަށެވެ. މިދިޔަ އަހަރު އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 50 ލާރިއެވެ.

އެމްޓީޑީސީން ބުނީ ހިއްސާގެ ފައިދާ ލިބޭނީ މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށްކުންފުނީގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށްކަމަށާއި ޑިރެކްޓަރުންގެ ބޯޑުން ހިއްސާއަކަށް 80 ލާރި ބެހުމަށް ފާސްކުރިނަމަވެސް މިކަން ފާސްވާނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.

އެމްޓީޑީސީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. މި ޖަލްސާ އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރު 1400 ގައި މޯލްޑިވްސް ސެކުއުރިޓީ ޑިޕޮޒިޓަރީގެ "ފަހިވޯޓު" މެދުވެރިކޮށެވެ.

މިޖަލްސާގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާ މުއްދަތުގައި އަމިއްލައަށް ބައިވެރިވުމަށް އަދި ޕްރޮކްސީގެ ގޮތުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށްކަމަށާއި އެހެންކަމުން ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ހުރިހާ ހިއްސާދާރުންވެސް މިމަހުގެ 27 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކުރުމަށް އެމްޓީޑީސީން ވަނީ އެދިފައެވެ.

އެމްޓީޑީސީއަށް މިދިޔަ އަހަރު 50.9 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު އެމްޓީޑީސީން ބުނީ މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 50.9 މިލިއަން ރުފިޔާއަކީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 115 ޕަސެންޓުގެ އިތުރު އަދަދެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން