އެޗްޕީއޭގެ އަޅާލުން ނުލިބުނު ކޮވިޑް-19އަށް ޕޮޒިޓިވްވި މާބަނޑު އަންހެން މީހާ އިމަޖެންސީގައި ސިޒޭރިއަން ހަދައިގެން ވިހައިފިއެވެ.

ބަނޑަށް ނުވަ މަހުގައި ކޮވިޑް ޖެހުނުކަން އަންހެން މީހާއަށް އެނގުނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ އަންހެންމީހާގެ އާއިލާއިން ބުނީ އޭރު ވެސް އޭނާގެ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދާން ބޭނުންވާކަން އެޗްޕީއޭއަށް އެންގި ކަމަށާއި އެކަމަކު އެތަނަށް ގުޅިގެން ފޯނަށް ޖަވާބު ދިނީ ޖެހިގެން އައި ދުވަހު ކަމަށެވެ. އެޗްޕީއޭއިން ފޯނު ނަގާފައި، މެޑިކަލް ޓީމުން ގުޅާނެ ކަމަށް ބުނެ ފޯނު ބޭއްވީ ކަމަށާއި، އެކަމަކު ޖެހިގެން އައި ދެ ދުވަހު ވެސް އެތަނުން އެކަމާ ނުގުޅާ ކަމަށް އާއިލާއިން ބުނެއެވެ.

އެންމެ ފަހުން އާއިލާއިން ވަނީ އެވާހަކަ ޝޯޝަލް މީޑިޔާގައި ހިއްސާކޮށްފައެވެ. އޭގެ ބައިގަޑިއިރު ފަހުން އެޗްޕީއޭއާއި ރައީސް އޮފީހުންވެސް ގުޅި ކަމަށާއި މާބަނޑު މީހާ ގެންދަން ބޭނުންވާ ހޮސްޕިޓަލާއި އޭނާގެ ހުރިހާ މައުލޫމާތެއް ނެގުމަށްފަހު އެޗްޕީއޭއިން ހުޅުމާލޭ ހޮސްޕިޓަލަށް މާބަނޑު މީހާ ގެންދިޔަ ކަމަށް އާއިލާއިން ބުނެފައި ވެއެވެ. ބަލިމީހާ ހޮސްޕިޓަލަށް ގެންދިޔައީ އެޗްޕީއޭއިން ގުޅިތާ ތިންގަޑިއިރު ފަހުންނެވެ. އަދި ޑޮކްޓަރަށް ދައްކައި، އެންޓިބަޔަޓިކްސް ފެށުމަށް އަންގައި، އެރޭ ދަންވަރު ތިނެއް ޖަހާކަންހާއިރު އަނެއްކާވެސް މާބަނޑުމީހާ ގެއަށް ދޫކޮށްލީ ކަމަށް އާއިލާއިން ބުނެފައި ވެއެވެ.



އެހެންނަމަވެސް ގެއަށް ދޫކޮށްލިތާ މާގިނައިރެއް ނުވެ އަންހެން މީހާގެ ގައިން ލޭ ފައިބަން ފެށުމުން ވަގުތުން އައިޖީއެމްއެޗުގެ އެމްބިއުލާންސަސް ގުޅައިގެން އެ ހޮސްޕިޓަލަށް ގެންދިޔަ ކަަމަށް އާއިލާއިން ބުނެފައި ވެއެވެ. އައިޖީއެމްއެޗުން ދެން އެންގީ އިމަޖެންސީގައި ސިޒޭރިއަން ހަދަން ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ. އޮޕަރޭޝަނަށް ފަހު މައި މީހާގެ ހާލު ރަނގަޅެވެ. އެހެން ނަމަވެސް ދަރިފުޅަށް މިހާރު ފަރުވާ ދެނީ އައިސީޔޫގައެވެ. ވިހަން ކައިރިވެފައިވާ މީހެއްގެ ހާލު ބޮޑުވެގެން އެންގުމުންވެސް އެޗްޕީއޭއިން ޚިދުމަތް ދޯދިޔާވެ ލަސްވެގެން ދިއުމުން މިދިމާވީ ވަރަށް ދެރަ ކަމެއް ކަމަށް ބުނެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ޒިލާ

19-May-2021

އެޗް ޕީ އޭ ތީ ބަނބޮބޮޑު މީހުނަށް ވެސް ވަކި އެއްވެސް ޙާއްސަ ކަމެއްދޭ ބައެއް ނޫން



ޓްރެންޑިން