އަރަބި ކަނޑުގައި މިހާރު އުފެދިގެން އުޅޭ "ޓައުޓޭ" ތޫފާނުގެ ނުރައްކަލެއް ރާއްޖެއަކަށް ނުކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ، އިރުދެކުނު އަރަބިކަނޑުގައި އުފެދުނު ކޮޅިގަނޑު، ތޫފާނަކަށް ބަދަލުވެފައިވާކަމަށާއި "ޓައުޓޭ"ގެ ނަންދީފައިވާ މިޠޫފާން މިހާރު ހުރީ ހއ. ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 400 މޭލު ދުރުގައިކަމަށެވެ. އަދި ތޫފާނު ދަތުރުކުރަމުން ދަނީ އުތުރު ހުޅަނގު އުތުރަށް ރާއްޖެއާ ދުރަށްކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

މެޓް އޮފީހުން ބުނީ މި ތޫފާނާ ގުޅިގެން ރާއްޖޭގެ ސަރަޙައްދަށް ޖެހެމުންދާ ގަދަވަޔާއި ވިއްސާރަ މިރެއިން ފެށިގެން މަޑުވާންފަށާނެކަމަށެވެ.



ތޫފާނުގެ ނުރައްކާ ރާއްޖެއަށް ނެތްނަމަވެސް، ހުޅަނގުމޫސުމުގެ ސަބަބުން ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.



ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ހިސާބުތަކަށް ދަނީ ގެއްލުންވެސް ލިބެމުންނެވެ. މިގޮތުން އައްޑޫ ސިޓީ، ފުވައްމުލަކު އަދި ހޯރަފުށްޓަށްވެސް ވިއްސާރައިގައި ވަނީ ގެއްލުންތަކެއް ލިބިފައެވެ. އުތުރުގެ ބައެއް ރަށްރަށަށް ރާޅުއަރައި ފެންބޮޑުވިއިރު ދެކުނާއި އެނޫންވެސް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން